އަންނަ މަހު 18ގައި ފެށޭ ލަލީގާ ގައި އެންމެ ވާދަވެރި ދެ ޓީމު ކަމުގައިވާ ރެއަލް މެޑްރިޑާއި ބާސެލޯނާ ބައްދަލު ކުރާނެ ދުވަސްތައް ނުވަތަ އެލް ކްލެސިކޯގެ ތާރީހުތައް އާއްމު ކޮށްފިއެވެ.

ޒަމާނުއްސުރެން ސްޕެއިންގެ ފުޓްބޯޅާގައި އެންމެ ވާދަވެރި ކުޅުމެއް ފެނިގެން ދަނީ މި ދެ ޓީމުގެ ފަރާތުން ކަމުގައި ވާއިރު، ސަޕޯޓަރުންވެސް އެންމެ ގިނަ އަދަދަކަށް ބަލަމުން އަންނަނީ އެލް ކްލެސިކޯގެ މެޗުތައް ކަން ފާހަގަ ކޮށްލެވެއެވެ.

ފެށޭ ސީޒަނުގައި މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުން މި އަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު އޮންނާނީ ބާސާގެ ދަނޑުގައެވެ. އަދި އެ މެޗުގެ ދެވަނަ ލެގް އޮންނާނީ އަންނަ އަހަރުގެ މާޗް މަހު ރެއަލްގެ ދަނޑުގައެވެ.

މިދިޔަ އަހަރު މި ދެ ޓީމްގެ ފުރަތަމަ ކުރިމަތިލުމުން ބާސާގެ ދަނޑުގައި 5-1ގެ ނަތީޖާ އަކުން ބާސާ ކުރި ހޯދާފައި ވާއިރު، ރެއަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުވެސް އެ ޓީމަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ނަމަވެސް، ފެށޭ ސީޒަނަށް ޒައިނެއްދީން ޒިދާންގެ އިރުޝާދުގެ ދަށުން ރެއަލް މެޑްރިޑްގެ ސްކޮޑު ވަރުގަދަ ކޮށްފައި ވާއިރު، މިފަހަރު މި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދާނޭ ކަމަށް ބެލެވެއެވެ.