މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އައި މިޑްފިލްޑަރ އަންދަރު ހެރޭރާ ބޮޑު މުސާރަ އަކާއެކު ފްރާންސްގެ ޕީއެސްޖީ އަށް ސޮއި ކޮށްފިއެވެ.

ޔުނައިޓެޑާއި އެކު ހެރޭރާ ހަދާފައިވާ އެއްބަސްވުން ނިމިދިޔަ ސީޒަނަށް ހަމަވުމުން އެ ކްލަބުން ވަނީ އޭނާ އަށް އައު ކޮންޓްރެކްޓެއް ހުށަހަޅާފައެވެ. ނަމަވެސް ހެރޭރާ އެ ކްލަބުގައި އިތުރަށް މަޑު ކުރަން ހަފްތާ އެއްގެ މައްޗައް 200،000 ޕައުންޑު ބޭނުންވާ ކަމަށް ބުނުމުން އެ ކްލަބުގެ މެނޭޖްމެންޓުން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ. ސަބަބަކީ ހެރޭރާ އަކީ އަންނަ އަހަރު 30 އަހަރު ފުރޭ ކުޅުންތެރިއަކަށް ވާތީއެވެ.

މިއާއި އެކު ޕީއެސްޖީ އިން ވަނީ ހަފްތާ އެއްގެ މައްޗައް ހެރޭރާ އަށް 300،000 އަށް ވުރެ ގިނަ ޕައުންޑް ދޭން އެއްބަސްވެ 5 އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން އޭނާ އެ ކްލަބަށް ގެންގޮސްފައެވެ.

ފްރީ ޓްރާންސްފާ އެއްގެ ދަށުން ޕީއެސްޖީ އާއި ގުޅުމަށް ފަހު ހެރޭރާ ބުނެފައި ވަނީ ޕީއެސްޖީ އަކީ ފްރާންސްގެ ޗެމްޕިއަނުން ކަމަށާއި އެ ކްލަބުގެ ޖާޒީގައި ކުޅެން އޭނާ ވަރަށް ބޭނުންވާ ކަމަށެވެ.

"ޕީއެސްޖީ އަކީ ފްރާންސްގެ ޗެމްޕިއަނުން. އަނެއްކާ އެ ކްލަބުން ހުރިހާ ބޮޑެތި ތަށިތަކަށް އެބަ ވާދަ ކުރޭ. އަހަރެން ވަރަށް ބޭނުން މި ކްލަބުގެ ޖާޒީގައި ކުޅެ ކާމިޔާބީ ތަކެއް ހޯދަން" ސްޕެއިންގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ހެރޭރާ ބުނެފައި ވެއެވެ.

ސްޕެއިން އަށް ނިސްބަތްވާ ހުނަރުވެރި މިޑްފިލްޑަރު ޔުނައިޓެޑުން ދޫކޮށްލުމުން އެ ކްލަބުގެ ސަޕޯޓަރުން މިހާރު އަންނަނީ އެކަމާއި މެދު ނުރުހުންވެ މީސް މީޑިއާގައި ޝުއޫރުތައް ފާޅު ކުރަމުން ކަން ފާހަގަކޮށްލެވެއެވެ.