ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ށ. ފޯކައިދޫއިން، ވިކްޓަރީ ބަލިކޮށްފިއެވެ.

މިއަދު ހަވީރު ގައުމީ ދަނޑުގައި ކުޅުނު މެޗުން ފޯކައިދޫ މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ.

މި މެޗަށް ނުކުތް އިރު، ވިކްޓަރީން އޮތީ ކުޅުނު ތިން މެޗުންވެސް ބަލިވެފައެވެ. ފުރަތަމަ ތިން މެޗުގައި އެޓީމު ކޮޅަށް 12 ގޯލް ވަދެފައިވާ އިރު، އެޓީމަށް ދިމާވި ހާލަތުން އަރައިގަތުމަށް މިއަދުގެ މެޗު މުހިއްމުވިއެވެ. ފޯކައިދޫން އެންމެފަހުން ކުޅުނު މެޗުގައި މާޒިޔާއާ އެއްވަރުކޮށް، ތަފާތު ނަތީޖާއެއް ނެރެފައެވެ. ފޯކައިދޫން މިއަދުގެ މެޗަށް ނުކުތީ ލީގުގައި ފުރަތަމަ ކުޅުނު މެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ.

މިއަދުގެ މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

ވިކްޓަރީން މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުން އައި އިރު، މިއަދުގެ މެޗުގައި އެޓީމުން ވަނީ ކުރީ މެޗުގައި ފަހަތުން ހެދުނު ގޯސްތައް ވަރަށް ބޮޑުތަނުން ރަނގަޅު ކޮށްފައެވެ. ހާއްސަކޮށް ފޯކައިދުއަކީ ތިރިން ޕާސް ޖަހައިގެން، ރީތި ފުޓުބޯޅައެއް ކުޅޭ ޓީމަކަށްވާ އިރު، މިއަދުގެ މެޗުގައި ވިކްޓަރީން ވަނީ ފޯކައިދޫގެ އެޓޭކްތައް ހިފެހެއްޓުމުގައި މުހިއްމު ކުޅުމެއް ދައްކާފައެވެ.

މެޗުގެ ފަސްވަނަ މިނެޓުގައި ފޯކައިދޫގެ މުހައްމަދު މުސްތަފާ ސެޑިކަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އެ ހަމަލާ ހުށިޔާރުކަމާއެކު ދިފާއުކުރީ ވިކްޓަރީގެ ގޯލްކީޕަރު އަހުމަދު ރަމީޒެވެ. މިއީ ވިކްޓަރީ ގޯލްކީޕަރުގެ ފުރަތަމަ މެޗުވެސް މެއެވެ. އޭގެ އިތުރުން ފުރަތަމަ ހާފްގައި ފޯކައިދުއަށް ލިބުނު ދެ ފުރުސަތެއް ފާހަގަކޮށްލެވުނު އިރު، އެ ދެފުރުސަތުގައި ފޮނުވާލި ބޯޅަތައްވެސް ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ދެވަނަ ހާފްވެސް ފޯކައިދޫން ފެށީ ހަމަލާއަކާ އެކުގައެވެ. އަރިމަތިން ކުރިއަށް ޖެހި، ހަލީލް ގަމާލް ނަގައިދިން ހުރަސް، މުސްތަފާ ކުރިއަށް ފޮނުވާލި ނަމަވެސް، ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. އެ ހަމަލާއަށް ތިން މިނެޓްފަހުން ވިކްޓަރީއަށްވެސް ފަހި ފުރުސަތެއް ލިބިގެން ދިޔައެވެ. އެހެން ނަމަވެސް އެޓީމުގެ ކުރިއަށް ކުޅޭ ޒާހިދު އިބްރާހީމްގެ ހަމަލާ ދިޔައީ މާ މަތިން ބޭރަށެވެ.

ދެވަނަ ހާފްގައި ފޯކައިދޫންވެސް އިތުރަށް ކުރިއަށް ޖެހިގެން ކުޅުނު އިރު، 67 ވަނަ މިނެޓްގައި އެޓީމުން ލީޑުވެސް ނެގިއެވެ. ހިލޭ ޖެހުމަކުން ނަގައިދިން ހުރަސް، ވިކްޓަރީ ޑިފެންޑަރުންނަށް ސާފްކޮށް ނުލެވުމުގެ ފައިދާ ނަގާ، ފޯކައިދުއަށް ލީޑު ނަގައިދިނީ މުސްތަފާ ސެޑިކެވެ. ފޯކައިދޫން ލީޑު ނަގައިގެން ކުޅެމުން ދިޔަ އިރު، މެޗުގެ ފަހު ވަގުތުގައިވެސް އެޓީމަށް ނަތީޖާގެ ފަރަގު ބޮޑުކޮށްލަން ރަނގަޅު ފުރުސަތެއް ލިބުނެވެ.

މިއަދުގެ މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

އަރިމަތިން އަލީ ސާމިސް (ތޮއްޕެ) ފޮނުވާލި ހަމަލާ، ވިކްޓަރީގެ ގޯލްކީޕަރު ރަމީޒް ދިފާއުކުރި އިރު، ރީބައުންސްގައި މުހައްމަދު ޖައިލަމަށް ލިބުނު ފުރުސަތުގައި އޭނާއަށް ރަނގަޅަށް ބޯޅަ ފޮނުވާލެވޭ ގޮތެއް ނުވިއެވެ.

ލީގުގެ މެޗެއް މިރޭވެސް އޮންނާނެއެވެ. ވާދަކުރާނީ ޔުނައިޓެޑް ވިކްޓަރީއާއި ނިލަންދުއެވެ.