ރެއާލް މެޑްރިޑަކީ އެއްވެސް ޝައްކެއް ނެތި ދުނިޔޭގެ އެންމެ ބޮޑު، މުއްސަނދި އަދި ވަރުގަދަ އެއް ކުލަބެވެ. އެ ޓީމަކީ މިހާރުވެސް ހުނަރުގެ ގޮތުން ފުރިބާރުވެފައިވާ ޓީމަކަށްވިޔަސް އެޓީމަށް އަބަދުވެސް ދަނީ އާ ޒުވާން ހުނަރުވެރި ތަރިން ގެނައުމުގެ މަސައްކަތް ކުރެވެމުންނެވެ. އޭގެ ތެރޭގައި މި ފާއިތުވެދިޔަ މަދު އަހަރުތަކުގައި އެޓީމާއި ގުޅުނު ޑެނި ސެބަލޯން، މާކޯ އަސެންސިއޯ، އިސްކޯ އަދި ތިއޯ ހާރނެންޑޭޒް ފަދަ ކުޅުންތެރިން މިސާލަކަށް ފުދެއެވެ.

ރެއާލްގެ މެނޭޖްމެންޓް އެ ޓީމާއި ބެހޭގޮތުން ހިތްހަމަނުޖެހޭ ހަމައެކަނި ޑިޕާޓްމެންޓްކަމުގައި ބެލެވިފައިވަނީ އެ ޓީމުގެ ގޯލްކީޕިންގް ޕޮޒިޝަން އެކަންޏެވެ. ކޭލޯރ ނަވާސް އަކީ ވަގުތީކޮށް އެޓީމުގެ ގޯލްކީޕަރުކަން ކުރަން ރަނގަޅު ކުޅުންތެރިޔަކަށްވީނަމަވެސް އެޓީމުން އަދިވެސް ދަނީ ޒުވާން ހުނަރުވެރި ގޯލްކީޕަރެއް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެތެރޭގައި މެންޗެސްޓާރ ޔުނައިޓެޑުގެ ޑޭވިޑް ޑެ ހެއާ، އެތްލެޓިކޯގެ ޖަން އޮބްލަކް، ޗެލްސީގެ ތިބޯ ކޯޓުއާ އަދި އެތްލެޓިކްގެ ކެޕާ އަރިޒަބަލަގާ ހިމެނޭއިރު މިތަނުން ކޮންމެ ކުޅުންތެރިޔެއް ގެނައުމުގައިވެސް ރެއާލްއަށް ވަނީ ކޮންމެވެސް އެއްކަހަލަ ހުރަހަކާއި ކުރިމަތިވެފައެވެ.

ނޫސް ރިޕޯޓްތައް ބުނާގޮތުގައިނަމަ ރެއާލްއިން މިހާރު ދަނީ އެ ހުރިހާ ކުޅުންތެރިން ދޫކޮށްލައި އޭސީ މިލާންގެ ހުނަރުވެރި ޒުވާން ގޯލްކީޕަރު ޖިއަންލުއިޖީ ޑޮނަރޫމާ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އިޓަލީގެ ގައުމީ ޓީމުގެ ގޯލްކީޕަރުކަން ބުފޯންއަށްފަހު ވާރުތަކުރާނެކަމަށް އެންމެ ބޮޑަށް ބެލެވިފައިވާ ޑޮނަރޫމާ އަކީ އުމުރުން އެންމެ 19 އަހަރުގައި ދުނިޔޭގެ އެންމެ ނަން މަޝްހޫރު އެއް ތަރިއެވެ.

ރެއާލްއިން ދެކޭގޮތުގައި ޑޮނަރޫމާ ގެނެވިއްޖެނަމަ އެޓީމުގެ ގޯލްކީޕަރު ޕޮޒިޝަނުގެ މައްސަލަތައް ކުރިއަށް މި އޮތް 10-15 އަހަރަށް ހައްލުވެގެންދާނެއެވެ. އެކަން ކުރުމަށްޓަކައި އެޓީމުން 50 މިލިއަން ޔޫރޯ ހޭދަކުރުމަށް ތައްޔާރަށް އޮތް ނަމަވެސް މިލާންއިން އޮތީ ޑޮނަރޫމާ ވިއްކާލާފަދަ ވިސްނުމެއްގައެއް ނޫނެވެ. އެޓީމުން ދެކޭގޮތުގައި އަގުބޮޑެތި ޓްރާންސްފާރތަކާއިއެކު އަލުން ޔޫރަޕްގެ ގަދަ ބާރަކަށްވުމަށް ކުރަމުންދާ މަސައްކަތުގެ ހުންގާނުގައި ހިފަހައްޓާނެ ކުޅުންތެރިޔަކީ ޑޮނަރޫމާއެވެ. އަދި އެންމެ 19 އަހަރުގައި އެހާ ހުނަރުވެރި ކުޅުންތެރިޔަކަށް 50 މިލިއަނަކީ މިލާނުން ދެކޭނޭގޮތުގައި މި ޒަމާނުގައި ވަރަށް ދަށް އަގެކެވެ.