ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓަރީން ނިލަންދޫ ބަލިކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ޔޫވީން ނިލަންދޫ ބަލިކުރީ 4-2ގެ ނަތީޖާއަކުންނެވެ.

ނިލަންދޫއަކީ ތާވާލުގެ ފުލުގައިވެސް އޮތް ޓީމެވެ. ލީގަށް ތައްޔާރުވުމަށް އުނދަގޫ ހާލަތްތަކެއް ނިލަންދޫއަށް ދިމާވި ނަމަވެސް، އެޓީމުން އަންނަނީ މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުންނެވެ. މިރޭގެ މެޗުން މޮޅުވެ، ޔޫވީއަށް ފަސް މެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު އޮތީ ފަސްވަނައިގައެވެ.

މިރޭގެ މެޗަށް ނުކުތް އިރު، ފެވަރިޓުންގެ ގޮތުގައި ޔޫވީ އޮތް ނަމަވެސް، މެޗުގައި ނިލަންދޫން ވަނީ ހީނުކުރާހާ ރަނގަޅު ކުޅުމެއް ޔޫވީ ކައިރީގައި ކުޅެފައެވެ.

މިރޭގެ މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

ޔުނައިޓެޑް ވިކްޓްރީން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް މެޗު ފަށައިގެން ނުވަ ވަނަ މިނިޓްގައި ނިލަންދޫ އަށް ލީޑު ނަގައިދިނީ އަހުމަދު ވާފިރެވެ. ހާފުގެ މެދުތެރެއިން ނިލަންދޫގެ އަހުމަދު ނަބީލް ހުސްކޮށްލާފައި އޭރިއާތެރެއިން ވާފިރަށް ދިން ބޯޅަ އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.

މެޗުގެ ފުރަތަމަ ހާފްގައި އިތުރު ފުރުސަތުތަކެއް ދެޓީމަށްވެސް ލިބުނެވެ. އެހެން ނަމަވެސް އެއްވެސް ޓީމަކަށް ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ. ޔޫވީގެ ޑިމިޓްރީ ކަަބަސެލާއު އާއި ޔޫކްރޭނުގެ ފޯވާޑް ކީރްލޯ ސިލިޗް އަދި ކެޕްޓަން އަހުމަދު ނާޝީދު (ނައްޓޭ) އަށް ލިބުނު ފުރުސަތުތަކުގެވެސް ބޭނުން ހިފިފައެއް ނުވެއެވެ.

ދެ ވަނަ ހާފް ފެށިގެން މިނިޓެއްގެ ތެރޭގައި ޔުނައިޓެޑް ވިކްޓްރީ އަށް އެއްވަރުކޮށްދިނީ ނައްޓޭ އެވެ. ކޯނަރަކުން ސާބިއާގެ ޑިފެންޑަރު މިލޯސް ކޮވަސެވިޗް ނަގައިދިން ބޯޅަ ނައްޓޭ ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފައެެވެ.

އެ ގޯލަށް މާ ގިނަިއރުތަކެއް ނުވަނީސް ނިލަންދޫން އަނެއްކާވެސް ލީޑު ނެގިއެވެ. ނިލަންދޫއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ އަހުމަދު އުޝާމް (ކަޅޫ)އެވެ.

މިރޭގެ މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

މެޗުގެ 60 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓްރީ އަށް ދެ ވަނަ ފަހަރަށް އެއްވަރުކޮށްދިނީ ޕެނަލްޓީ އަކުން ޑިމިޓްރީ އެވެ. މިއީ ނައްޓޭ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. ޔުނައިޓެޑް ވިކްޓްރީ އަށް ލީޑުނަގައިދިނީ މެޗުގެ 84 ވަނަ މިނިޓްގައި ސިލިޗެވެ. އަލީ ޝަމާލް އަރިމަތިން ނަގައިދިން ބޯޅަ ސިލިޗް ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ. އިތުރު ވަގުތުގައި ޔުނައިޓެޑް ވިކްޓްރީގެ ހަތަރު ވަނަ ލަނޑު ޖެހީ މެޗުގައި އެ ޓީމަށް ލިބުނު ދެ ވަނަ ޕެނަލްޓީން ޑިމިޓްރީ އެވެ.