އެފްރިކަން ކަޕް އޮފް ނޭޝަންސްގައި މިސްރުން މިރޭ ކުޅޭ ގަދަ 16ގެ މެޗުގައި ދެކުނު އެފްރިކާއާ ދެކޮޅަށް ނުކުންނަ އިރު، ޓީމުގެ ތަރި މުހައްމަދު ސަލާހަށް މެޗުގައި ނުކުޅެވިދާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިސްރުގެ ކޯޗު ހާވިއާ އަގުއެރީ ބުނެފައިވާ ގޮތުގައި ސަލާހް ހުރީ ރޯގާ ޖެހިފައެވެ. އަދި އެންމެފަހުން މިސްރުން ކުރިއަށް ގެންދިޔަ ތަމްރީނުތަކުގައި ސަލާހް ބައިވެރި ކުރުވާފައެއް ނުވެއެވެ. ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޯޗު އަގުއެރީ ބުނެފައި ވަނީ ސަލާހްގެ ރޯގާ އިތުރަށް ގޯސް ވެދާނެ ކަމަށް އޭނާ ފަރިތަކުރުންތަކުގައި ބައިވެރި ނުކުރުމަށް ބުނެފައިވާ ކަމަށެވެ.

ލިވަޕޫލަށް ކުޅެމުން އަންނަ ސަލާހް މި ސީޒަނުގައި ކްލަބާއެކު ޗެމްޕިއަންސް ލީގުވެސް ކާމިޔާބު ކޮށްފައިވާ އިރު، އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ގައުމީ ޓީމާއެކު ކުޅުނު ގްރޫޕް ސްޓޭޖުގެ ތިން މެޗުގައި ދެ ގޯލް ޖަހާފައިވެއެވެ.

މިރޭގެ މެޗަށް އަމިއްލަ ސަޕޯޓަރުންގެ ކުރިމައްޗަށް މިސްރު ނުކުންނަ އިރު، ދެކުނު އެފްރިކާގެ ކޯޗު ސްޓާޓް ބެކްސްޓާ ބުނެފައި ވަނީ ދެކުނު އެފްރިކާ އަތުން ބަލިވުން ވެގެންދާނީ މިސްރަށް ބޮޑު ލަދަކަށް ކަމަށެވެ. އެހެން ނަމަވެސް، ހޯސްޓް ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުމަކީ ޓީމަށް ހިތްވަރު ލިބޭނެ ކަމެއް ކަމަށްވެސް ބެކްސްޓާ ބުނެފައިވެއެވެ.

މީގެ ކުރިން 2006 ވަނަ އަހަރާ 2010 ވަނަ އަހަރާ ދެމެދު މިސްރުގެ ގައުމީ ޓީމުން ހޯދި މުހިއްމު ކާމިޔާބީތައް ތަކުރާރު ކުރުމަށް މިރޭގެ މެޗު އެޓީމަށް މުހިއްމުވާ އިރު، މިސްރު ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔަކީ ސަލާހެވެ.