ސްޕެއިންއާއި ދެކޮޅަށް އާޖެންޓީނާ ކުޅެ 6-1 ގެ ނަތީޖާއަކުން ބަލިވި މެޗު ނުނިމެނީސް އާޖެންޓީނާގެ ބެންޗް ދޫކޮށް މެސީ ދިޔުމުން ގިނަ ބައެެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވެއްޖެއެވެ.

އަނިޔާގެ ސަބަބުން މެޗުގައި ނުކުޅެވުނު މެސީ ވަނީ މެޗުގައި ސްޕެއިނުން ޖެހި 6 ވަނަ ލަނޑާއި އެކު ބެންޗް ދޫކޮށް ގޮސްފައެވެ. މެސީ ބެންޗް ދޫކޮށް ދާ ފޮޓޯއެއް މިހާރުވަނީ އާންމުވެފައެވެ. މެސީ ބެންޗް ދޫކޮށް ދިޔުމުން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވެފައިވާ މި ދަނޑިވަޅުގައި މެޗު ނުނިމެނީސް ބެންޗް ދޫކޮށް ދިޔައީ ކޮން ސަބަބަކާއި ހުރެކަން މެސީ ހާމަކޮށްފައެއްް ނުވެއެވެ.

އެހެންނަމަވެސް ފުޓްބޯޅަ ދިރާސާ ކުރާ ފަރާތްތަކުން ބުނަމުން އަންނަނީ މެސީ ބެންޗް ދޫކޮށް ދިޔައި ބޮޑު ތަފާތަކުން ބަލިވާތީ އެމަންޒަރު ބަލަން ހިތަށް ނުކުޅަދާނަ ވެގެންނެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާއަށް ފީފާއިން ދޭ ބެލެން ޑީ އޯ އެވޯޑް ފަސް ފަހަރު ހާސިލްކޮށްފައިވާ މެސީ ފާހަގަވެފައި އޮންނަނީ ބަލި ގަބޫލް ކުރަން އުނދަގޫ ކުޅުންތެރިއެއްގެ ގޮތުގައެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ އެންމެ ފަހުގެ ކޮޕަރ އެމެރިކާގެ ފައިނަލްގައި ޗިލީއަތުން ބަލިވުމަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކުރުމެވެ. ނަމަވެސް ގިނަ ބައެއްގެ އެދުމުގެ މަތިން މެސީ ވަނީ އެބުރި ގައުމީ ޓީމަށް އައިސް އާޖެންޓިނާ ވޯލްޑް ކަޕަށް ކޮލިފައި ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވަރަށްވާހަކަ

    އާޖެންޓީނާ އަށް ކުޅެންވީމަ ހުންނާނީ އަނިޔާގަ، ސްޕެއިން އަތުން ބަލިވާނެކަން އިނގޭތީ މަކަރު ހަދާފަ ނުކުޅުނީ

  2. ހުމުދު

    މެސީ ދާންވީމަ ދާނެ އެކަމާ އަހަރެމެންނާ ކޮންކަމެއް މީ ވަރައް ވާހަކަ....