ޔޫރޮޕްގެ ޗެމްޕިއަން ލިވަޕޫލަށް އިރުޝާދު ދެމުން އަންނަ ޖާގެން ކްލޮޕް އާއެކު އެ ކްލަބުން ހަދާފައިވާ އެއްބަސްވުން ހަމަވުމުން އޭނާ އެ ކްލަބު ދޫކޮށްލަފާނެ ކަމުގެ ބިރު އިސް ވެރިންނަށް ހީވާން ފަށައިފިއެވެ.

ކްލޮޕާއި އެކު ލިވަޕޫލް އިން ހަދާފައިވާ ކޮންޓްރެކްޓް ހަމަ ވަނީ 2022 ގައި ނަމަވެސް އެ އަހަރަށް ފަހު ކްލޮޕް ލިވަޕޫލް ދޫކޮށްލާ ކަމުގެ އަޑު ތަކެއް އެރުމުން އެ ކްލަބުގެ މެނޭޖްމެންޓުން މިވަނީ އޭނާގެ ކޮންޓްރެކްޓް އިތުރު ކުރުމަށް އަވަސްވެގެންފަ އެވެ.

އިތުރު 6 އަހަރު ދުވަހަށް ކްލޮޕް އެ ކްލަބުގައި މަޑު ކުރުވަން މަސައްކަތް ކުރަމުން އަންނަ އިރު އޭނާގެ މުސާރަ 7 މިލިއަން ޕައުންޑުން 10 މިލިއަން ޕައުންޑަށް ބޮޑު ކޮށްދޭން ވެސް އެ ކްލަބުން ނިންމާފައިވާ ކަން ފާހަގަކޮށްލެވެއެވެ.

2015 ވަނަ އަހަރު ލިވަޕޫލާއި ގުޅުނު ކްލޮޕްގެ އެންމެ ކާމިޔާބު ސީޒަނަކަށް ނިމިދިޔަ ސީޒަން ވެފައި ވާއިރު އޭނާ ވަނީ ލިވަޕޫލަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނުމުގެ އިތުރުން ޕްރިމިއާ ލީގުގެ ދެވަނަ ވެސް ހޯދައިދީފައެވެ. ދެވަނަ އެ ޓީމަށް ލިބިފައި ވަނީ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ވުރެ އެންމެ ޕޮއިންޓެއް މަދުން ލިބިގެންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މާ ގިނަ ދުވަހު ލިވަޕޫލްގައި މަޑު ކުރާކަށް ކްލޮޕް ބޭނުމެއް ނުވެއެވެ. އެއީ އޭނާގެ ސިއްހަތަށް ވިސްނައި އަރާމް ކުރަން ބޭނުން ވާތީއެވެ. މީގެ ކުރިން ބޮރާޝިޔާ ޑޯޓްމަންޑަށާއި މެއިންޒް އަށް ވެސް އިރުޝާދު ދީފައިވާ ކްލޮޕް އެއިން ކޮންމެ ކްލަބެއްގައި ވެސް ހޭދަ ކޮށްފައި ވަނީ 7 އަހަރެވެ. އަދި އޭނާ މިހާރު ލިވަޕޫލް އާއި އެކު ހަދާފައި ވަނީވެސް 7 އަހަރު ދުވަހުގެ ކޮންޓްރެއްޓެއް ކަން ފާހަގަކޮށްލެވެއެވެ.