އަންހެން ވޯލްޑް ކަޕްގެ ފައިނަލްގައި ނެދަލޭންޑްސް ބަލިކޮށް، އެމެރިކާއިން ޖެހިޖެހިގެން ދެވަނަ ފަހަރަށް ތަށި އުފުލާލައިފިއެވެ.

މިއީ އަންހެން ވޯލްޑް ކަޕްގެ ތަށި އެމެރިކާއިން އުފުލާލި ރެކޯޑު ހަތަރުވަނަ ފަހަރެވެ. ފްރާންސްގެ ލިއޯންގައި މިރޭ ކުޅުނު ފައިނަލްގައި އެމެރިކާއިން ނެދަލޭންޑްސް ބަލިކުރީ 2-0ގެ ނަތީޖާއަކުންނެވެ.

މިހާތަނަށް އަންހެން ވޯލްޑް ކަޕްގެ ތާރީހުގައި ޖެހިޖެހިގެން ދެފަހަރަށް ތަށި ހޯދާފައި ވަނީ ދެޓީމަކުންނެވެ. އެއީ ޖަރުމަނާއި އެމެރިކާއިންނެވެ. އެމެރިކާ ފުޓުބޯޅައިގެ ތާރީހުގައިވެސް މިއީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރެވިގެންދާ އިރު، ދެ ގޯލްވެސް ފެނިގެންދިޔައީ ދެވަނަ ހާފްގައެވެ. ފުރަތަމަ ހާފްގައިވެސް މޮޅަށް ކުޅެ، އެމެރިކާއިން އެޓޭކް ކުރި ނަމަވެސް، އެޓީމުގެ ހަަލާތައް ހިފެހެއްޓީ، އާސެނަލަށްއަަށް ކުޅެމުން އަންނަ ގޯލްކީޕަރު ސާރީ ވޭން ވީނެންޑާލެވެ.

ދެވަނަ ހާފްގައި އެމެރިކާއިން ޖެހި ފުރަތަމަ ގޯލަކީ ވީއޭއާރް ރިވިއު ކުރުމަށްފަހު ދިން ޕެނެލްޓީއެކެވެ. ޕެނެލްޓީ ކާމިޔާބުކޮށްދިނީ އެމެރިކާގެ ކެޕްޓަން، ރަޕިނޯއެވެ. މުބާރާތުގެ ތެރޭގައިވެސް ރަޕިނޯއާއި އެމެރިކާ ރައީސް ޑޮލަޑް ޓްރަމްޕާ މެދު ހޫނު ބަހުގެ ހަމަލާތަކެއް ހިނގާފައިވާ އިރު، ރަޕިނޯ ބުނެފައި ވަނީ ތަށި ލިބިގެން ޓްރަންޕް ވައިޓް ހައުސްއަށް ދައުވަތު ދިން ނަމަވެސް، އެ ދައުވަތު ގަބޫލުނުކުރާނެ ކަމަށެވެ.

އެ ޕެނެލްޓީއަކީ ނެދަލޭންޑްސްގެ ޑިފެންޑަރަކު، އޭރިއާ ތެރެއިން އެލެކްސް މޯގަންއަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނެލްޓީއެކެވެ. އެމެރިކާގެ ދެވަނަ ގޯލް ރޯސް ލަވޭލާ ކާމިޔާބުކުރި އިރު، މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކީވެސް ރަޕިނޯއެވެ. އޭނާ ވަނީ ހަ ގޯލް ޖަހާ، ތިން އެސިސްޓްވެސް ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ޢަލްހަމްދުލިއްލަހި

    1
    2
  2. ސާބަސް

    ސާބަހޭ ރަފިނޯ.....ކަނބުލޮ ކޮންމެހެންވެސް އެބަޖެހޭ ވައިޓްހައުސްއަށް ދާން އޭރުން ދޯ ޑޮނަލްޑަކް ޓުރަމްޕް ކަންފަތްމަތީ ލަޑާވެސް ލެވޭނީ!!!! ޓުރަމްޕަށް ވެސް ހީވާކަހަލަ އޭނާއަކީ ވަރަށް މޮޅު ގަދަފަދަ މީހެކޭ...ހެހެހެހެ ހިނި ގެޅޭއެބަ... އަމިއްލަ ޤައުމުގެ ރައްޔިތަކު ޓުރަމްޕު ގައިގަ އަތްނުލާ ލަޑާލީ.. އެވެސް އަންހެން ކަނބަލެއް...ސާބަސް ރަފިނޯއަށް...