ޗެމްޕިއަންސް ލީގުގައި މެންޗެސްޓަރ ސިޓީގެ މިވަގުތަށް އޮތް އެންމެ ބޮޑު އަމާޒަކީ މުބާރާތުގެ ކުއާޓާފައިނަލަށް ދިޔުން ކަމަށް އެ ކްލަބުގެ ކޯޗު ޕެޕް ގާޑިޔޯލާ ބުނެފިއެވެ.

މުބާރާތުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ސިޓީން މިރޭ ސްވިޒަލޭންޑްގެ ބާސެލް އާއި ދެކޮޅަށް ނިކުންނައިރު މި މުބާރާތުގެ ފެވަރިޓުންގެ ތެރޭގައި ވެސް ސިޓީ ހިމެނެއެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ސިޓީން ދައްކަމުން އަންނައިރު އެޓީމު މިވަގުތު އޮތީ ޕްރިމިއަރ ލީގުގެ އެއްވަނައިގައި 16 ޕޮއިންޓުގެ ލީޑަކާ އެކުއެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ސިޓީ މިދިޔަ ސީޒަނުގައި ކެޓިއިރު ގާޑިޔޯލާ ބުނީ ޓީމުގެ އަމާޒަކީ މިދިޔަ ސީޒަނަށް ވުރެ މި ސީޒަނުގައި ރަނގަޅު ހިސާބަކަށް ދިޔުން ކަމަށާއި އެގޮތުން ކުރު މުއްދަތަކަށް ބަލާއިރު ކުއާޓާފައިނަލާއި ހަމަޔަށް ދެވެމުން ފުދޭނެ ކަމަށެވެ.

"އަހަރުމެންގެ އަމާޒަކީ މިދިޔަ ސީޒަނަށް ވުރެ މި ސީޒަނުގައި ރަނގަޅު ހިސާބަކަށް ދާން. އެހެންވީމަ ކުރު މުއްދަތަކަށް ބަލާއިރު ކުއާޓާފައިނަލަށް ދެވުމުން ވެސް އަހަރުމެންނަށް ފުދޭނެ. އެހާ ހިސާބަށް ދެވުނީމަ ދެން އިތުރު ކަންތައްތަކާ ގުޅޭގޮތުން ވާހަކަދައްކާނީ" ގާޑިޔޯލާ ބުންޏެވެ.

މިދިޔަ ސީޒަނަށް ވުރެ މި ސީޒަނުގައި ސިޓީން ކަންތައްތައް ރަނގަޅުކޮށްފި ކަމަށާއި ޗެމްޕިއަންސް ލީގަކީ ހާއްސަ މުބާރާތެއް ކަމުން މި މުބާރާތުގައި ކުޅޭ ކޮންމެ މެޗަކުން ވެސް މޮޅުވެވޭނީ ވަރަށް ރަނގަޅަށް ކުޅެގެންކަން ވެސް ގާޑިޔޯލާ ފާހަގަކުރިއެވެ.

މިރޭގެ މެޗަށް ނިކުންނައިރު ސިޓީ އަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކުރިން ހީކުރި ވަރަށް ވުރެ އަވަހަށް އަނިޔާ އިން ރަނގަޅުވެ ލީރޯއި ސާނޭ އަލުން އެނބުރި ކުޅުމުގެ ތެރެއަށް އަންނަން ތައްޔާރުވުމެވެ. ނަމަވެސް މިރޭގެ މެޗުގައި ސާނޭ ކުޅޭނެކަން ގާޑިޔޯލާ ކަށަވަރުކޮށްދީފައެއް ނުވެއެވެ،

ބާސެލްގެ ދަނޑުގައި މިރޭ ކުޅޭ މި މެޗު ފަށާނީ ރާއްޖެގަޑިން 12:45 ގައެވެ.