މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޗިލީގެ ފޯވާޑް އެލެކްސިސް ސަންޗޭޒް އަނެއްކާވެސް އަނިޔާއާ ކުރިމަތިލާން ޖެހި ޔުނައިޓެޑުގެ އިސް ވެރިންގެ ބޮލުގެ ރިހުމާއި ހާސްކަން އިތުރު ވެއްޖެއެވެ.

ނިމިދިޔަ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ 3 ވަނަ ހޮވުމަށް އާޖެންޓީނާ އާއި ބައްދަލު ކުރި މެޗުގެ 17 ވަނަ މިނެޓުގައި ސަންޗޭޒް އަށް އަނިޔާ ވެފައި ވަނީ އޭނާގެ ފަލަމަސް ގަނޑު އިރައިގެން ގޮސްގެންނެވެ. 2-1 ލަނޑުން ޗިލީ ބަލިވި އެ މެޗުގައި ސަންޗޭޒް އަނިޔާ ވުމާއި ގުޅިގެން ފެށޭ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ޔުނައިޓެޑުން ބާއްވާ ޕްރީ ސީޒަން ޓުއާގައި އޭނާ އަށް ބައިވެރި ނުވެވޭނެ ކަމަށް އެ ކްލަބުން ވަނީ ހާމަ ކޮށްފައެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ ތަރި ޕައުލް ޕޮގްބާވެސް އެ ކްލަބު ދޫކޮށްލަން ބޭނުންވާކަން ހާމަ ކޮށްފައިވާ މި ދަނޑިވަޅުގައި ފެށޭ ސީޒަނުގައި ސަންޗޭޒް ވެސް ނެތް ނަމަ އެ އުނިކަން އެ ކްލަބުގެ ކުޅުމުން ފެނިގެން ދާނޭ ކަމާއި މެދު ޝައްކެއް ނެތެވެ.

ފާއިތުވެދިޔަ ސީޒަނުގައި ތަފާތު 4 އަނިޔާ އެއްގެ ސަބަބުން ގިނަ ދުވަސްތަކެއް ކުޅުމާއި ދުރުގައި ހުރި ސަންޗޭޒްއަށް ހަފްތާ އެއްގެ މައްޗައް 350،000 ޕައުންޑް ޔުނައިޓެޑުން ދޭން ޖެހޭ އިރު ނިމުނު ސީޒަނުގައި 27 މެޗުން އޭނާ އަށް ކާމިޔާބު ކުރެވިފައި ވަނީ އެންމެ 2 ގޯލެވެ.

ޔުނައިޓެޑުން އެންމެ ބޮޑު މުސާރަ އެއް ދެމުން އަންނަނީ ސަންޗޭޒް އަށް ކަމުގައި ވާއިރު ފެށޭ ސީޒަނުގައި އެ ކްލަބުން ކުޅޭ ފުރަތަމަ މެޗުގައި ބައްދަލު ކުރަން ހަމަޖެހިފައި ވަނީ ޗެލްސީ އާއެވެ. އޯގަސްޓް 11ގައި ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ކުޅޭ އެ މެޗުން ސަންޗޭޒް ފެންނާނޭ ކަމާއި މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.