ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި މިރޭ ޔުވެންޓަސް އާއި ދެކޮޅަށް ކުޅޭ މެޗަކީ ޓޮޓެންހަމް އަށް އޮތް ރަނގަޅު އިމްތިހާނެއް ކަމަށް އެ ކްލަބުގެ ފޯވާޑް ހެރީ ކޭން ބުނެފިއެވެ.

މިރޭގެ މެޗަށް ނިކުންނައިރު ޓޮޓެންހަމް މިވަގުތު އޮތީ ވަރަށް ރަނގަޅު ފޯމެއްގައެވެ. އެގޮތުން އެންމެފަހުން ކުޅުނު 12 މެޗުން ވެސް ޓޮޓެންހަމް ބަލިވެފައިނުވާކަން ފާހަގަކޮށްލެވެއެވެ.

މިރޭގެ މެޗުގެކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ކޭން ބުނީ ޔުވެންޓަސް އަކީ ރަނގަޅު ޑިފެންސް އަކާއި އަދި މޮޅު ގޯލްކީޕަރެއް ހުރި ޓީމެއް ކަމަށާއި އެޓީމާ ދެކޮޅަށް ކުޅުމަކީ ޓޮޓެންހަމް އަށް އޮތް ޗެލެންޖެއް ކަމަށެވެ. އަދި މި ޗެލެންޖާއި ކުރިމަތިލާން ތައްޔާރަށް ހުރި ކަމަށްވެސް ކޭން ބުންޏެވެ.

"ޔުވެންޓަސްގެ އޮތީ ކިހާ ވަރުގަދަ ޑިފެންސެއްކަން އެންމެންނަށް ވެސް އިނގޭނެ. ވަރަށް ގިނަ ކްލީންޝީޓުތައް ވެސް އެމީހުން ވަނީ ހަދާފަ. އެކަމަކު އަހަރުމެން ވަރަށް ގިނަ ގޯލުތައް ވެސް ކާމިޔާބުކޮށްފިން ޕްރިމިއަރ ލީގުގަ. އެހެންވީމަ މިއީ އަހަރުމެންނަށް އޮތް ވަރަށް ރަނގަޅު އިމްތިހާނަކަށް ވާނެ" ކޭން ބުންޏެވެ.

ވަރުގަދަ ރެއާލް މެޑްރިޑް ފަހަތަށް ޖައްސާލުމަށްފަހު މުބާރާތުގެ ދެވަނަ ބުރުން ޓޮޓެންހަމް ޖާގަ ހޯދިއިރު ކޭން ބުނީ ގްރޫޕް ސްޓޭޖުން ޓޮޓެންހަމް ސަލާމަތްވާނެ ކަމަށްވެސް ބައެއް މީހުން ގަބޫލުނުކުރާ ކަމަށާއި ނަމަވެސް އެކަން ވެސް ހާސިލުކުރެވުމުން މިރޭގެ މެޗަށް ޓީމުން ނިކުންނަނީ ވަރަށް އިތުބާރާއެކު ކަމަށެވެ.

"މިރޭގެ މެޗު ނުވާނެ ފަސޭހަ އެއް. އެކަމަކު އަހަރުމެން މިތިބީ ވަރަށް އިތުބާރާ އެކު. ރަނގަޅު ނަތީޖާ އެއް މިރޭގެ މެޗުން ހޯދޭނެ ކަމުގެ އުއްމީދު އެބައޮތް" ކޭން ބުންޏެވެ.

ޔުވެންޓަސްގެ ދަނޑުގައި މިރޭ ކުޅޭ މި މެޗު ފަށާނީ ރާއްޖެގަޑިން 12:45 ގައެވެ.