އިނގިރޭސި ކްލަބު މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ދެ ކުޅުންތެރިން ކަމުގައިވާ ޕައުލް ޕޮގްބާ އާއި ޖެސީ ލިންގާޑު އަރާރުން ވެއްޖެ އެވެ.

ޔުނައިޓެޑު ދޫކޮށްލަން ބޭނުންވާކަން ހާމަ ކޮށްފައިވާ ޕޮގްބާ އަށް މަޖުބޫރު ވެގެން ފެށޭ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން އެ ކްލަބުން ބާއްވާ ޕްރީ ސީޒަން ޓުއާގައި ބައިވެރި ވެފައި ވާއިރު ޕްރެކްޓިސްގައި މި ދެ ކުޅުންތެރިން އަރާރުންވާ ވީޑިއޯ މިހާރު އަންނަނީ މީސް މީޑިއާގައި ދައުރުވަމުންނެވެ.

އެ ވީޑިއޯ އިން ފެންނަ ގޮތުގައި އެ ދެ ކުޅުންތެރިން ބަހުގެ ހަމަލާ ތަކެއް ބަދަލު ކުރުމަށް ފަހުގައި މައްސަލަ އިތުރަށް ހޫނު ވުމުގެ ކުރިން ޔުނައިޓެޑުގެ ޑިފެންޑަރު ލިންޑެލޮފް ވަނީ ޕޮގްބާ ގައިގައި ހިފޭއްޓުމަށް ފަހު އޭނާ ހަމަ އަކަށް އަޅުވާފަ އެވެ.

2016 ވަނަ އަހަރު ރެކޯޑު އަގަކަށް ޔުވެންޓަސް އިން ޔުނައިޓެޑަށް ބަދަލުވި ޕޮގްބާ އެ ކްލަބު ދޫކޮށް އެނބުރި ޔުވެންޓަސް އަށް ދާން ކެތް މަދު ވެފައި ހުރި ނަމަވެސް އެ ކްލަބުގެ މެނޭޖްމެންޓުން އޭނާ ދޫ ކުރާކަށް ބޭނުމެއް ނުވެއެވެ. އެހެނަސް އެންމެ ފަހުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މި ދެ ކްލަބުގެ ދެމެދުގައި ޕޮގްބާގެ ޓްރާންސްފާގެ މަޝްވަރާތައް އަދިވެސް އަންނަނީ ކުރެވެމުންނެވެ.

2018 ވަނަ އަހަރު ފްރާންސް އަށް ފީފާ ވޯލްޑް ކަޕް ތަށި ހޯދައި ދިނުމުގައިވެސް އިސް ދައުރެއް އަދާ ކޮށްފައިވާ އުމުރުން 26 އަހަރުގެ ޕޮގްބާ ފެށޭ ސީޒަނުގައި ޔުވެންޓަސް އިން ފެނުމުގެ ފުރުސަތު އަދިވެސް އެބަ އޮތެވެ.