މި ޓްރާންސްފާ މާކެޓުގައި މެންޗެސްޓާ ޔުނައިޓެޑާއި އަލަށް ގުޅުނު ޒުވާން ވިންގާ ޑެނިއަލް ޖޭމްސްގެ ހުނަރުން އެ ކްލަބުގެ ކުޅުންތެރިންނާއި މެނޭޖްމެންޓު އާޝޯހު ވެއްޖެއެވެ.

އޮގަސްޓް 8ގައި ފެށޭ 2019/20ގެ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ޔުނައިޓެޑުގެ ޕްރީ ސީޒަން ޓުއާ އޮސްޓްރޭލިއާގައި މިހާރު ކުރިއަށް ދާއިރު އުމުރުން 21 އަހަރުގެ ޖޭމްސް ވަނީ ފިޓްނަސް ޓެސްޓު ތަކުގެ ފުރަތަމަ ބުރުން އެންމެ ކުރި ހޯދާފާއެވެ.

މިގޮތުން ބޭއްވި ސްޕްރިންޓު ތަކުގައިވެސް އެންމެ ކުރީގައި އޮވެ ޖޭމްސް ރޭސް ނިންމާލި އިރު އޭނާގެ ޓީމް މޭޓުންނާއި ޖޭމްސް އާއި 4 ވަރަކަށް މީޓަރުގެ ފަރަގެއް ހުރިކަން ފާހަގަ ކޮށްލެވެއެވެ.

އޮސްޓްރޭލިއާގައި ޔުނައިޓެޑުގެ ކުޅުންތެރިން ޕާތު ގްލޮރީ އަދި ލީޑްސް ޔުނައިޓެޑާއި ދެކޮޅަށް އެކުވެރި ކަމުގެ މެޗެއް ކުޅުމަށް ފަހު ސިންގަޕޫރާއި ޗައިނާ އަށް ދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.

18 މިލިއަން ޕައުންޑަށް ސްވާންސީ އިން ޔުނައިޓެޑަށް ބަދަލުވި ޖޭމްސް އަލަށް ޕްރިމިއާ ލީގުގައި ޔުނައިޓެޑާއި އެކު ކުޅުމަށް ތައްޔާރު ވަމުން އަންނަ އިރު، ރިޕޯޓްތައް ބުނާ ގޮތުން އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިއްޖެ ނަމަ ޓީމުގެ ފުރަތަމަ 11 އިން ފުރުސަތު ލިބިގެން ދާނެއެވެ.

އޮސްޓްރޭލިއާގައި އޮތް ޕްރީ ސީޒަން ޓުއާގައި ޔުނައިޓެޑުގެ 28 ކުޅުންތެރިން ބައިވެރި ވެފައި ވާއިރު، އެ ކްލަބު ދޫކޮށްލަން ބޭނުންވާކަން ހާމަ ކޮށްފައިވާ ޕައުލް ޕޮގްބާ އާއި ލިންގާޑާއި ދެމެދު ވަނީ އަރާރުން ގަނޑެއްވެސް ހިނގާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު