ޔޫރަޕްގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ސްވިމިންގް ސޫޓެއްގައި ދަނޑު މައްޗައް އަރައި އެތައް ބައެއްގެ ސަމާލުކަން ހޯދި ރަޝިޔާގެ މޮޑެލް ކިންސޭ ވޮލަންސްކީ ކޮޕަ އެމެރިކާގެ ފައިނަލް މެޗުގައި ވެސް އެކަން ތަކުރާރު ކުރަން އުޅެނިކޮށް ހައްޔަރު ކުރިކަން ހާމަ ވެއްޖެ އެވެ.

ލިވަޕޫލް އާއި ޓޮޓެންހަމް ބައްދަލު ކުރި ފައިނަލް މެޗުގައި ކިންސޭ ދަނޑު މައްޗައް އަރައި އެންމެންގެ ސަމާލުކަން ހޯދާފައި ވަނީ އޭނާގެ ލޯބިވެރިޔާ އާއި ގުޅިގެން ހިންގަމުން އަންނަ ޔޫޓިއުބް ޗެނަލް މަޝްހޫރު ކުރުމުގެ ގޮތުންނެވެ.

އެ މެޗަށްފަހު ކިންސޭގެ އިންސްޓަގްރާމް ފޮލަވަރުންގެ އަދަދު ދެ ލައްކަ އިން އެއް މިލިއަނަށް އިތުރު ވެފައި ވާއިރު ކޮޕާާރ އެމެރިކާ ފައިނަލް މެޗުގައިވެސް ކިންސޭ ވަނީ ދަނޑުމައްޗަށް އަރަން މަސައްކަތް ކޮށްފައެވެ.

ބްރެޒިލްގެ ސަޕޯޓަރުން ކަމަށް ހެދިގެން ކިންސޭ އާއި އޭނާގެ ލޯބިވެރިޔާ ގޮނޑިބަރީގައި ތިއްބާ ދަނޑުގެ ސެކިއުރިޓީ ބަލަހައްޓާ 20 ގާޑުން ވެގެން ވަނީ އެ ދެ މީހުން ހިފާއްޓައި، ފުލުހުންނާއި ހާވަލު ކޮށްފައެވެ.

ޖަލުން ދޫކޮށްލުމުން ކިންސޭ ބުނެފައި ވަނީ ކޮޕަ އެމެރިކާގައި އަތު ވެއްޖެ ކަމަށާއި އެހެނަސް އެކަން ކުރަން ކުރި މަސައްކަތްތައް ވަރަށް މަޖާ ކަމަށެވެ.

ބޮޑެތި ފުޓްބޯލް މެޗުގައި އެކި ސަބަބުތަކަށް ދަނޑަށް އަރާ ސަޕޯޓަރުން ގިނަކަން ފާހަގަކޮށްލެވެ އެވެ.