ބާސެލޯނާގެ ތަރި ލިއޮނެލް މެސީގެ ރެސްޓޯރެންޓުން ފަގީރުންނަށް ހިލޭ ކާން ދޭން ފަށައިފިއެވެ.

އާޖެންޓީނާގެ ރޮސާރިއޯގައި ހުންނަ ވީ.އައި.ޕީ ނަމަކަށް ކިޔާ އެ ރެސްޓޯރެންޓުން ފަގީރުންނަށް ހިލޭ ކާން ދޭން ފަށައިފައި މިވަނީ އެ ގައުމަށް ފިނި މޫސުން ކުރިމަތިވެ، އެކަމުގެ ސަބަބުން އެތައް ބަޔަކު މަރުވަމުން އަންނަ ދަނޑިވަޅެއްގައެވެ.

އެ ގައުމަށް މިހާރު ކުރިމަތި ވެފައިވާ އިގްތިޞާދީ މައްސަލަތަކުގެ ސަބަބުން ގިނަ ބައެއްގެ ވަޒީފާ ގެއްލި މަގުމަތި ވެފައި ވާއިރު މެސީގެ ރެސްޓޯރެންޓުން އަންނަނީ ކޮންމެ ރެއަކުވެސް 7-9 އާއި ދޭތެރޭ އެ ރެސްޓޯރެންޓަށް ޒިޔާރަތް ކުރާ ފަގީރުންނާއި ހާލުގައި ޖެހިފައިވާ މީހުންނަށް ކާނާ ދީ އެހީތެރިވަމުންނެވެ.

އާޖެންޓީނާގައި ހުންނަ މެސީގެ ވީއައިޕީ ރެސްޓޯރެންޓް. ފޮޓޯ: މީސްމީޑިއާ

ހުކުރު ދުވަހު މިކަން ކުރަން ފަށާފައި ވާއިރު، މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ކުރިއަށް އޮތް 15 ދުވަހުވެސް މިކަން ކުރިއަށް ގެންދަން އެ ރެސްޓޯރެންޓުން ވަނީ ނިންމާފަ އެވެ.

"ވަރަށް ގިނަ މީހުން އާދޭ މިތަނަށް ކޮންމެ ރެއަކުވެސް އަދި ވަރަށް ޝުކުރު ކުރޭ މިފަދަ ކަމެއް އެމީހުންނަށް ކޮށްދޭތީ. އަހަރެމެން މިދަނީ ކާނާގެ އިތުރުން ކޮފީ އާއި އެނޫންވެސް ހޫނު ދިޔާ ތަކެތިވެސް މީހުންނަށް ދެމުން" ރެސްޓޯރެންޓުގެ މެނޭޖަރާއި ހަވާލާދީ މަރުކާ އިން ބުނެފައި ވެއެވެ.

އާޖެންޓީނާ އަށް އެއްވެސް މުބާރާތެއް މެސީ އަށް ކާމިޔާބު ކޮށްދެވިފައި ނެތުމުން، އޭނާ އަކީ އަމިއްލަ ގައުމަށް އެއްވެސް ކަމެއް ނުކޮށްދޭ މީހެއްގެ ގޮތުގައި ބައެއް މީހުން ސިފަ ކޮށްފައި ވާއިރު، ހާލުގައި ޖެހިފައިވާ އެތައް ބަޔަކަށް އެހީވުމުން މެސީގެ ސަޕޯޓަރުން ވަނީ މިކަން ފާހަގަކޮށް، އެހެން ބުނަމުން އަންނަ މީހުންނަށް ވަރުގަދަ ރައްދުތައް ދެމުންނެވެ.

މެސީ އާއި ރޮނާލްޑޯ ފަދަ ދުނިޔޭގެ ނަން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންނަކީ އެހެން މީހުންނަށް އަބަދުވެސް އެހީވަމުން އަންނަ ބައެއް ކަން ފާހަގަ ކޮށްލެވެއެވެ.