ރެއަލް މެޑްރިޑަށް ކުޅެމުން އަންނަ ވޭލްސްގެ ވިންގާ ގެރެތް ބޭލް އަށް ޗައިނާގެ ކްލަބަކުން ހަފްތާ އެއްގެ މައްޗައް 1.2 މިލިއަން ޕައުންޑު ނުވަތަ 23 މިލިއަން ދިވެހި ރުފިޔާ ލިބޭ ބޮޑު ހުށަހެޅުމެއް ލިބިއްޖެއެވެ.

ރެއަލް އިން މި ޓްރާންސްފާ މާކެޓުގައި ބޭލް ވިއްކާލަން މަސައްކަތް ކުރަމުން އައި ނަމަވެސް، ޗައިނާގެ މި ކްލަބުން ވަނީ ބޭލް އަށް ބޮޑު މުސާރަ އެއް ދޭން ނިންމައި ޓްރާންސްފާ ފީ އެއްގެ ގޮތުގައި އެއްވެސް އެއްޗެއް ދައްކަން ނުޖެހޭ ގޮތަށް ޝަރުތު ކޮށްފައެވެ.

ނަމަވެސް، މި ސަބަބާއި ހުރެ، ރެއަލް އިން ވަނީ މި ހުށަހެޅުމަށް އެއްބަސް ނުވާކަން ވަގުތުން އެ ކްލަބަށް އަންގާފައެވެ.

ފެށޭ ސީޒަނަށް ޒިދާންގެ އިރުޝާދުގެ ދަށުން ރެއަލް މެޑްރިޑް ވަރުގަދަ ކުރުމުގެ މަސައްކަތުގެ ދަށުން މިހައިތަނަށް އެ ކްލަބުން ވަނީ 300 މިލިއަން ޕައުންޑަށް ވުރެން ގިނައިން ހަރަދު ކޮށްފައެވެ.

އެހެންކަމުން ބޭލް އެއްވެސް އަގަކާއި ނުލައި ދޫކޮށްލުން އެއީ އެ ކްލަބަށް ލިބޭ ބޮޑު ގެއްލުމަކަށް ވެގެން ދާނެއެވެ.

ބޭލް އަށް ލިބިފައިވާ މި ހުށެހެޅުމަކީ ޗައިނާގެ ކޮން ކްލަބަކުން ލިބިފައިވާ ހުށަހެޅުމެއްކަން އަދި އެނގިފައި ނުވި ނަމަވެސް، ސްޕެއިންގެ ރިޕޯޓްތައް ބުނާ ގޮތުން މިއީ ވާނޭ ޓްރާންސްފާ އެއް ނޫނެވެ.

މިހާރުވެސް ރެއަލްގައި ހަފްތާ އެއްގެ މައްޗައް 600،000 ޕައުންޑް ލިބެމުން އަންނަ ބޭލް އެ ކްލަބުގައި މަޑު ކުރަން ބޭނުންވާ ކަމަށް ބުނަފައި ވާއިރު، އޭނާ އަށް އެވަރުގެ މުސާރަ އެއް އެހެން ކްލަބަކުން ދޭނަމަ، ބޭލް ހުރީ ރެއަލް ދޫކޮށްލަން ތައްޔާރަށެވެ.

މިކަމުގެ ސަބަބުން ރެއަލްގެ ސަޕޯޓަރުންގެ ފާޑު ކިޔުންތައް އުމުރުން 29 އަހަރުގެ ބޭލް އަށް އަންނަނީ އަމާޒުވަމުންނެވެ.