ބ. އަތޮޅު އޭދަފުށީގައި މިހާރު ކުރިއަށްދާ ބ.ފުޓްބޯލް ޗެލެންޖުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ތުޅާދޫގެ މައްޗަށް ހޯދި މޮޅާއެކު ގްރޫޕް ސީގެ އެއްވަނަ ކިހާދޫ އަށް ލިބިއްޖެއެވެ.

4-2 ގެ ނަތީޖާ އަކުން ކިހާދޫ މޮޅުވި މެޗުގެ ފުރަތަމަ ގޯލް 39 ވަނަ މިނެޓުގައި އަލީ ޖިނާހް ވަނީ ކާމިޔާބު ކޮށްދީފައެވެ.

މި ނަތީޖާގައި ފުރަތަމަ ހާފް ނިމުނު އިރު، ދެވަނަ ހާފް ފަށައިގެން 4 މިނެޓު ތެރޭ ކިހާދޫ އިން ވަނީ އިތުރު ދެ ގޯލް ޖަހާފައެވެ. މި ދެ ގޯލް ކާމިޔާބު ކޮށްދިނީ ހުސައިން އިކުލީލް އާއި މުހައްމަދު އަޔާޒް އެވެ.

އޭގެ ފަހުން މެޗުގެ 63 ވަނަ މިނެޓުގައި ތުޅާދޫގެ ފުރަތަމަ ގޯލް އީމާން ލިޔާޒް ޖެހިއިރު އޭގެ 2 މިނެޓު ފަހުން ތުޅާދޫގެ ޝައްދާދް ޒަކީ ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގެ ފޯރި ގަދަ ކޮށްދީފަ އެވެ.

ނަމަވެސް، 78 ވަނަ މިނެޓުގައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ހުސައިން އީމާން ކާމިޔާބު ކުރި ގޯލާއި އެކު ކިހާދޫގެ ލީޑް ވަނީ ފުޅާވެފަ އެވެ.

މި މޮޅާއި އެކު ކިހާދޫ އިން މިހާރު އޮތީ 4 ޕޮއިންޓާއި އެކު ގްރޫޕް ސީގެ އެއްވަނައިގައެވެ. މީގެ ކުރިން އެ ޓީމުން ފެހެންދޫ އާއި ދެކޮޅަށް ކުޅުނު މެޗު ވަނީ 1-1 ގެ ނަތީޖާ އަކުން އެއްވަރު ވެފައެވެ.

އޭދަފުށީގެ ޖަމިއްޔާ އެއް ކަމަށްވާ ވެސްޓް ވިންގް އޭދަފުށިން އިންތިޒާމް ކޮށް ފޯ ސީޒަން ލަނޑާގިރާވަރުގެ ސްޕޮންސާ އާއިއެކު ކުރިއަށް ގެންދާ މި މުބާރާތަކީ ރިސޯޓަކުން ސްޕޮންސާ ކޮށްފައިވާ މިފަދަ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތެވެ.

ބ. އަތޮޅުގެ 11 ރަށަކުން ބައިވެރިވި މި މުބާރާތުގައި މި މަހުގެ 20ގެ ނިޔަލަށް ކޮންމެ ދުވަހަކުވެސް އެއް މެޗު ކުޅުމަށް ހަމަޖެހިފައި ވާއިރު މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ގްރޫޕް އޭގެ ކެންދޫ އާއި ދޮންފަނެވެ.