ޕެރިސް ސެއިންޓް ޖަމައިން ޕީއެސްޖީ އަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ އެ ކްލަބުގައި މަޑު ކުރާނެ ކަމުގެ ޔަގީން ކަން ނެތް ކަމަށް ކްލަބުގެ ޑައިރެކްޓާ ލިއޮނާޑޯ ބުނެފިއެވެ.

ލިއޮނާޑޯ ބުނެފައި ވަނީ އެމްބާޕޭ އެ ކްލަބުގައި ހުރީ ހިތްހަމަ ޖެހިގެން ކަމަށާއި ނަމަވެސް ޓްރާންސްފާ މާކެޓު ނިމޭއިރު ވާނެ ގޮތެއް ބުނަން ނޭނގޭ ކަމަށާއި އޭނާ ކްލަބުގައި މަޑު ކުރާނެ ކަމުގެ ޔަގީންކަން ސަޕޯޓަރުންނަށް ދެވެން ނެތް ކަމަށެވެ.

"އެއްވެސް ޝައްކެއް ނެތް އެމްބާޕޭ އެއީ އަހަރެމެންނަށް ވަރަށް މުހިއްމު ކުޅުންތެރިއެއް. ސަޕޯޓަރުންވެސް އޭނާ ދެކެ ވަރަށް ގަޔާވޭ. މި ކްލަބުގައި އޭނާ ހުންނަނީ ހިތްހަމަ ޖެހިގެންނޭ ބުނެވޭނީ އެކަމަކު ޓްރާންސްފާ މާކެޓު ނިމޭ އިރު އޭނާ އެހެން ކްލަބަކަށް ވެސް ގޮސްދާނޭ" ލިއޮނާޑޯ ބުނެފައި ވެއެވެ.

އުމުރުން 20 އަހަރުގެ އެމްބާޕޭ އަށް ޝައުގުވެރިވާ ކަން ރެއަލް މެޑްރިޑުން މީގެ ކުރިން ބުނެފައިވާއިރު އޭނާވެސް ވަނީ ރެއަލް އަށް ކުޅެން ބޭނުންވާ ކަމަށް ބުނެފައެވެ.

ނިމިދިޔަ ސީޒަނުގައި އެމްބާޕޭގެ ފަރާތުން ވަނީ ޖުމްލަ 47 ގޯލު ފެނިގެން ގޮސްފައެވެ. އޭގެ ތެރެއިން 11 ގޯލު އޭނާގެ ގައުމީ ޓީމު ކަމުގައިވާ ފްރާންސް އަށް ކާމިޔާބު ކޮށްދީފައި ވާއިރު މިދިޔަ އަހަރު އެ ޤައުމުން ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރުމުގައި ވެސް އެމްބާޕޭގެ ދައުރު ބޮޑެވެ.