އިނގިރޭސި ކްލަބު މެންޗެސްޓާ ޔުނައިޓެޑުން ވިދާލި ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމުގައިވާ ކްރިސްތިއާނޯ ރޮނާލްޑޯ އަށް އިރުޝާދު ދިން އިރު އެލެކްސް ފާގަސަން ރުޅި އައިސްގެން ދުވަހަކުވެސް އޭނާ އާ ދިމާލަށް އެއްޗެއް ބުނިތަން ނުފެންނަ ކަމަށް ޖޮނަތަން ސްޕެކްޓާ ބުނެފިއެވެ.

ރޮނާލްޑޯ އާއި އެއް އަހަރެއްގައި ޔުނައިޓެޑަށް ބަދަލުވި ސްޕެކްޓާ ބުނެފައި ވަނީ ރޮނާލްޑޯ އެންމެ ފުރަތަމަ އެ ކްލަބަށް ބަދަލުވެގެން އުޅުނު ދުވަސްވަރު އޭނާގެ ކުޅުމުގެ ސްޓައިލާއި ދޭތެރޭ ހުރިހާ ކުޅުންތެރިން ވެސް ތިބީ ވަރަށް ހިތްހަމަ ނުޖެހިފައި ކަމަށާއި ނަމަވެސް ކުލަބުގެ ކޯޗު ފާގަސަން ދުވަހަކުވެސް ރޮނާލްޑޯ އަށް "ހެއާ ޑްރަޔާ ޓްރީޓްމެންޓް" ނުދޭ ކަމަށެވެ.

ފުޓްބޯޅައިގެ ބަހުން ހެއާ ޑްރަޔާ ޓްރީޓްމެންޓަކީ ކުޅުންތެރިއެއްގެ ކުޅުމާއި މެދު ހިތްހަމަ ނުޖެހުމުން ކޯޗަކަށް ހުންނަ މީހާ ރުޅި އައިސްގެން އެއްޗެހި ކިއުމެވެ.

މިކަމަށް މި ނަން ދެވިފައި ވަނީ ހެއާ ޑްރަޔާ އެއް ޖެއްސުމުންް ވަރަށް ބާރަށް އަޑު ކިޔާތީ ފުޓްބޯޅަ ކޯޗުން އެއްޗެހި ކިޔާ އިރުވެސް ހަމަ އެގޮތަށް ކަންތައް ވާތީއެވެ.

ނަމަވެސް ރޮނާލްޑޯ އަށް މި ޓްރީޓްމެންޓް ލިބިފައި ނުވާ ކަމަށް ބުނެ ވާހަކަ ދައްކަމުން ސްޕެކްޓާ އިތުރަށް ބުނެފައި ވަނީ ކުޅުންތެރިންގެ މިޒާޖާއި ސްޓައިލް އެންމެ ރަނގަޅަށް އެނގޭ ކޯޗަކީ ފާގަސަން ކަމަށާއި އެކި ކުޅުންތެރިންނާއި އޭނާ ވާހަކަ ވެސް ދާއްކާނީ ތަފާތުކޮށް ކަމަށެވެ.

ޔުނައިޓެޑުގައި ސްޕެކްޓާ އަށް ކުޅުމުގެ ފުރުސަތު މާ ގިނައިން ލިބިފައި ނުވި ނަމަވެސް ރޮނާލްޑޯ ވަނީ އެ ކްލަބުގައި ހުރެ އޭނާގެ ހުނަރުތައް ކުރިއަރުވައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިކަން ފާހަގަ ކޮށްލެވެއެވެ.