އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބެއް ކަމުގައިވާ އާސެނަލް އިން އެ ކްލަބުގެ މިޑްފިލްޑަރު މެސުޓް އޮޒިލް ވިއްކާލަން ނިންމައިފިއެވެ.

އުމުރުން 30 އަހަރުގެ އޮޒިލް ވިއްކާލަން އެ ކްލަބުން ނިންމާފައި މިވަނީ ފެށޭ ސީޒަނަށް ކްލަބު ވަރުގަދަ ކުރުމުގެ ގޮތުން އައު ކުޅުންތެރިން ގެނައުމަށް ކަމަށް އެ ކްލަބުން ބުނާ އިރު މި ޓްރާންސްފާ މާކެޓުގައި އެ ކްލަބުން ހަރަދު ކުރަން އޮތީ ވަރަށް މަދު ފައިސާ ކޮޅެކެވެ.

ތުރުކީގެ ދަރިފަސްކޮޅަކުން އައިސްފައިވާ ޖަރުމަނުގެ އޮޒިލް ލޯން އުސޫލުން ތުރުކީގެ ކްލަބެއް ކަމުގައިވާ ފާނަބެސް އަށް ދޫކުރަން އާސެނަލް އިން ބޭނުންވި ނަމަވެސް، އެ ކްލަބުން ވަނީ އޮޒިލް ފަދަ ކުޅުންތެރިޔަކު ގެނައުމުގެ މާލީ ތަނަވަސްކަން އެ ކްލަބުގައި ނެތް ކަމަށް ބުނެފައެވެ.

"އޮޒިލް އެ އަންނަނީ އަހަރެމެންގެ ގައުމުވެސް ހަމަ ތަމްސީލް ކުރަމުން. އޮޒިލް އާއި މެދު އަހަރެމެން ފަހުރުވެރި ވޭ. އެކަމަކު މިވަގުތު އޭނާ ގެނައުމުގެ މާލީ ތަނަވަސްކަމެއް އަހަރެމެންނަށް ލިބިފައި ނެތުމުން އޮޒިލް ގެނެވޭކަށް ނެތް." އެ ކްލަބުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވެއެވެ.

އާސެނަލްގައި އޮޒިލް އަށް ހަފްތާ އެއްގެ މައްޗައް 350،000 ޕައުންޑް ލިބެމުން އަންނަ އިރު، އެ ޓީމުން ޖާގަ އެއް ހޯދުމަށް އޭނާ އަށް ވަނީ ވަރަށް އުނދަގޫ ކަމަކަށް ވެފައެވެ.

ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން، އާސެނަލްގެ ކޮންޓްރެކްޓުގައި އަދި އިތުރު 2 އަހަރުވެސް އޮތުމާއި އެއްކޮށް އޮޒިލް ބޭނުން ވަނީ ގަދައަށް މަސައްކަތް ކޮށް ޓީމުން ޖާގައެއް ހޯދުމަށެވެ.

ޖާމަނީ އާއި އެކު 2014ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުވެސް ކާމިޔާބު ކޮށްފައިވާ އޮޒިލް މިހާރު އަންނަނީ އާސެނަލްގެ ޕްރީ ސީޒަން ޓުއާގައި ބައިވެރިވެ އެމެރިކާގައި ތަމްރީންތައް ހަދަމުން ކަން ފާހަގަކޮށްލެވެ އެވެ.