(އައްޑޫ ސިޓީ، ހިތަދޫ) ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް، އެޗްއެސްސީ "ވަގުތު" ފުޓްސަލް ޗެލެންޖް ގްރޫޕް ސްޓޭޖުގެ ގުރުއަތު ނަގައިފިއެވެ.

"ވަގުތު" އިން ކޮންމެ އަހަރަކު އައްޑޫ ސިޓީގައި ބާއްވަމުން އަންނަ ފުޓްސަލް މުބާރާތުގެ ގުރުއަތުލުން މިރޭ ބާއްވާފައި ވަނީ އައްޑޫ ސިޓީ ހިތަދޫ ޔޫތު ސެންޓަރުގައެވެ. މުބާރާތުގައި 16 ޓީމަކުން ވާދަކުރާ އިރު، ޓީމުތަކަށް ވާދަކުރާނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމަކުން ވާދަކުރާނެއެވެ. ކުއާޓާގައި ކުޅޭނީ ކޮންމެ ގްރޫޕަކުން އެއްވަނަ އަދި ދެވަނަ ޓީމެވެ.

"ވަގުތު" ފުްޓަސަލް ޗެލެންޖުގެ ގުރުއަތުލުމުގެ ތެރެއިން --- ވަގުތު އިމޭޖްސް/ މުހައްމަދު އަފްޒަލް

މިމަހު 12 އިން 26 ވަނަ ދުވަހާ ހަމައަށް އައްޑޫ ސިޓީ ހިތަދޫގައި ކުރިއަށްދާ މުބާރާތުގެ ގުރު މިރޭ ނަގާފައި ވަނީ ވޭތުވެދިޔަ އަހަރުތަކުގެ ނަތީޖާއަށް ބަލާ ޓީމުތައް ސީޑް ކޮށްގެންނެވެ. އެގޮތުން ސެމީ ފައިނަލްގައި ވާދަކުރި ހަތަރު ޓީމު ބަހާލެވިފައި ވަނީ ހަތަރު ގްރޫޕަކަށެވެ. އަބަދުވެސް ފޯރިގަދަކޮށް ފާހަގަކޮށްލެވޭ މުބާރާތުގައި، ޓީމުތަށް ގްރޫޕްތަކެއް ބެހިފައިވާ ގޮތުން، ގްރޫޕް ސްޓޭޖުގައިވެސް ވާދަވެރި މެޗުތަކެއް ފެނިގެންދާނެ ކަމަށް ބެލެވެއެވެ.

ގްރޫޕްތައް ބެހިފައިވާ ގޮތް:

ގްރޫޕް އޭ - ބޭރުމަތި، ނެކްސަސް، ވިނިން ފައިވް، އެފްސީ މޫލެކެޑެ

ގްރޫޕް ބީ - ވަން އެންޑް އޮންލީ ރީތި ރަށް، ޑީސީ ސްޕޯޓްސް ކްލަބު، ފްރެންޑްސް ކްލަބު، ހޯދަޑު ސްޕޯޓްސް

ގްރޫޕް ސީ - މޯލްޑިވިއަން، މަރަދޫ ފޭދޫ، އެފްސީ ސްޕްރިންޓް، ޔުނައިޓެޑް ސްޕްރިންޓް

ގްރޫޕް ޑީ - އުސްގަނޑަ، ޒެފިއާ، މައިލޯ ސިޓީ އެފްސީ، ޒެލޯން

"ވަގުތު" ފުްޓަސަލް ޗެލެންޖުގެ ގުރުއަތުލުމުގެ ތެރެއިން --- ވަގުތު އިމޭޖްސް/ މުހައްމަދު އަފްޒަލް

މުބާރާތުގެ ޗެމްޕިއަން ޓީމަށް 120000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރަނަރަޕް ޓީމަށް 30000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ.

"ވަގުތު" ފުޓްސަލް މުބާރާތް ފާއިތުވި ދެއަހަރު ވެސް ކާމިޔާބު ކޮށްފައި ވަނީ "ބޭރުމަތި" އިންނެވެ. މިފަހަރުވެސް މުބާރާތުގައި ވާދަކުރާ ޓީމުތަކުން ރާއްޖޭގެ ފުޓްސަލް ގައި ފާހަގަކޮށްލެވޭ ތަރިން ފެނިގެންދާނެއެވެ.

"ވަގުތު" ފުްޓަސަލް ޗެލެންޖުގެ ގުރުއަތުލުމުގެ ތެރެއިން --- ވަގުތު އިމޭޖްސް/ މުހައްމަދު އަފްޒަލް

އެޗްއެސްސީ "ވަގުތު" ފުޓްސަލް ކަޕްގެ ޓައިޓަލް ސްޕޮންސަރަކީ ޔޫރަޕްގެ ގައުމުތަކުގެ ފެންވަރު ރަނގަޅު ސާމާނުތައް، ރާއްޖޭގެ ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގައި ކުރިއަރަމުން އަންނަ އެޗްއެސްސީ ޕްރައިވެޓް ލިމިޓެޑެވެ. މުބާރާތުގެ ކޯ ސްޕޮންސަރަކީ ޝީޝާއެވެ.