މި މަސް ތެރޭ މޮރީޝަސްގައި ފެށުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދިވެހި ރާއްޖޭގެ ވަފުދުގެ ދަތުރުގެ ބައިވެރިއަކަށް ޤައުމީ އެއާލައިން ކަމުގައިވާ މޯލްޑިވިއަން ހަމަޖެހިއްޖެއެވެ.

މި މަހުގެ 19އިން 28ށް މޮރިޝަސްގައި އޮންނަ މި މުބާރާތުގައި ރާއްޖޭގެ 200 އެތްލީޓުންނާއި އޮފިޝަލުންގެ އިތުރުން ނޫސްވެރިންވެސް ހިމަނައިގެން މޮރިޝަސް އަށް ގެންގޮސް، އަނބުރައި ގެނެސްދިނުމަށް މޯލްޑިވިއަން އިން އެއްބަސް ވެފައިވާ އިރު، ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ މެޗުތައް ކުރިން ފެށޭ ކަމުން އެ ކުޅުންތެރިން ދަތުރު ކުރަން ހަމަޖެހިފައި ވަނީ މި ވަފުދާއި ވަކިންނެވެ.

ރާއްޖޭގެ އޮލިމްޕިކް ކޮމިޓީ އާއި މޯލްޑިވިއަން އާއި ދެމެދު އެއްބަސް ވުމެއްގައި މިއަދު ސޮއި ކުރުމަށް ފަހު ވާހަކަ ދައްކަވަމުން މޯލްޑިވިއަންގެ މެނޭޖިންގް ޑައިރެކްޓާ މުހައްމަދު ރިޒްވީ ވިދާޅުވެފައި ވަނީ ދިވެހި ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ޓަކައި އެ ކުންފުނީގެ އެހީތެރިކާމާއި އެއްބާރުލުން އަބަދުވެސް ލިބިގެން ދާނޭ ކަމަށެވެ.

އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު މަރުޒޫގް (މަރޭ) ވިދާޅުވެފައި ވަނީ މިއީ ކޮމާޝަލް ޑީލެއް ނޫން ކަމަށާއި، މޯލްޑިވިއަން އިން މިކަން ކޮށްދޭން އެއްބަސް ވެފައި ވަނީ ވަރަށް ހެޔޮ އަގެއްގައި ރާއްޖޭގެ ވަފުދައް ހުރިހާ ކަމެއްވެސް ފަސޭހަ ވެގެން ދާނޭ ފަދަ ގޮތަކަށް ކަމަށެވެ.

އަންނަ ބުދަ ދުވަހު ރާއްޖޭގެ ވަފުދު މޮރިޝަސް އަށް ދާން ހަމަޖެހިފައި ވާއިރު، މި މަހުގެ 28ވަނަ ދުވަހު އެ ވަފުދު އަނބުރައި ރާއްޖެ ގެނެސްދޭނީވެސް މޯލްޑިވިއަނުން ކަން ފާހަގަކޮށްލެވެއެވެ.

ކޮންމެ 4 އަހަރަކުން އެއް ފަހަރު އިންޑިއާ ކަނޑުގައި ހިމެނޭ ޖަޒީރާ ގައުމުތަކުގެ މެދުގައި ބާއްވާ މިއަހަރުގެ މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަ ކުރާނީ މޮރިޝަސް، ސީޝެލްސް، ކޮމޮރޯސް، މަޑަގަސްކާ، މަޔޮޓޯގެ އިތުރުން ރީޔޫނިއަން އެވެ.