މި މަހުގެ 19 އިން 28ށް މޮރިޝަސްގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ ތަމްސީލް ކުރާ ފުޓްބޯޅަ ޓީމުން ސަމޫހު އަލީ (ސަމުއްޓޭ) އަށް ޖާގަ ގެއްލިއްޖެއެވެ.

މާޒިޔާގެ ޑިފެންސް ލައިނުގައިވެސް އިސް ދައުރެއް އަދާ ކުރަމުން އަންނަ ސަމުއްޓޭ އަށް މި ޖާގަ ގެއްލިފައި ވަނީ އޭނާގެ ކަކުލަށް ލިބުނު އަނިޔާ އަކާއި ގުޅިގެން ކުޅުމާއި ދުރުގައި ހެ ހަފްތާ ވަރު ހުންނަން ޖެހުމުންނެވެ.

މި މުބާރާތުގައި ރާއްޖެ ތަމްސީލް ކުރާ ގައުމީ ފުޓްބޯޅަ ޓީމުގެ ތަމްރީނުތައް މިހާރު ފަށާފައި ވީ ނަމަވެސް، ޓީމުގައި އަނިޔާގެ މަސައްލަތައް އުޅޭ ކަމުން ޓީމް ލިސްޓް ފައިނަލް ކޮށްފައެއް އަދި ނުވެއެވެ. އެހެން ނަމަވެސް، ކުރިއަށް ފެށޭ ހަފްތާ ތެރޭގައި ފައިނަލް ލިސްޓް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އިން އިއުލާން ކުރާނެއެވެ.

މިދިޔަ އަހަރު ބޭއްވުނު މި ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ތަށި ރާއްޖެ އަށް ކާމިޔާބު ކޮށްދިން ޓީމުގައިވެސް ހިމެނުނު ސަމުއްޓޭ އަށް އަނިޔާ ވެފައި ވަނީ ދިވެހި ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން ކަމުގައި ވާއިރު، އެންމެ ފަހުން މާޒިޔާ އިން ކުޅުނު ދެ މެޗުގައިވެސް ސަމުއްޓޭ ފެނިގެން ގޮސްފައެއް ނުވެއެވެ.

މިފަހަރު ރާއްޖޭގެ ތަމްސީލް ކުރާ ފުޓްބޯޅަ ޓީމު ވަރަށް ބޮޑަށް އާ ވާނޭ ކަމަށް ބެލެވިފައި ވާއިރު، ރާއްޖެ ހިމެނެނީ އެންމެ ފަހުގެ މުބާރާތުގެ ގަދަ 2 ޓީމު ކަމުގައިވާ މެޔޮޓާއި ރީޔޫނިއަންގެ އިތުރުން ކޮމޮރޯސް އާއި އެއް ގްރޫޕެއްގައި ކަން ފާހަގަކޮށްލެވެއެވެ.