މި މަސް ތެރޭ އައްޑޫ ސިޓީގައި ފެށުމަށް ހަމަޖެހިފައިވާ ޔޫއެފާ އެސިސްޓް އަންޑާ 15 އިންޓަނޭޝަނަލް ޓޯނަމެންޓުގެ ދަތުރުގެ ބައިވެރި އަކަށް ޤައުމީ އެއާލައިން މޯލްޑިވިއަން ހަމަޖެހިއްޖެއެވެ.

މި މަހުގެ 20ން ފެށިގެން 29ގެ ނިޔަލަށް އައްޑޫ ސިޓީގެ ހިތަދޫ ސްޓޭޑިއަމްގައި މި މުބާރާތް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ އިރުގައި، މި މުބާރާތުގައި ވާދަ ކުރާނީ ސައުދީ އަރަބިއްޔާ އާއި، ބޫޓާންގެ އިތުރުން ޔޫރަޕްގެ ލެޓްވިއާގެ 15 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމުތަކެވެ.

މި ހުރިހާ ޓީމެއްގެ ކުޅުންތެރިންނާއި އޮފިޝަލުން އައްޑޫ އަށް ގެންގޮސް، އަނބުރައި މާލެ ގެނައުމަށް މޯލްޑިވިއަން އިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފް.އޭ.އެމް) އާއި އެކު އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފައިި ވާއިރު، ފާހަގަ ކޮށްލަން ޖެހޭ ކަމަކީ މި މަހު މޮރިޝަސްގައި ފަށާ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގެ ޓްރެވެލިންގެ ޕާޓްނާ އެއްގެ ގޮތުން މޯލްޑިވިއަން އިން 200 އެތްލީޓުންނާއި އޮފިޝަލުންގެ އިތުރުން ނޫސްވެރިން އެ ގައުމަށް ގެންގޮސް، އަނބުރައި ރާއްޖެ ގެނައުމަށްވެސް އެއްބަސް ވެފައިވާ ކަމެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި 20ވަނަ ދުވަހު ރާއްޖެ އިން ބޫޓާނާއި ދެކޮޅަށް ކުޅެން ތައްޔާރު ވަމުން އަންނަ އިރުގައި، މި މުބާރާތުގެ ސަބަބުން ރާއްޖޭގެ ޒުވާން ޓީމުގެ ތަޖުރިބާ އެތައް ގުނައެއް އިތުރުވެގެން ދާނޭ ކަމަށް ބެލެވެއެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލޭންޑް އޭވިއޭޝަން އަކީ އަބަދުވެސް ރާއްޖޭގެ ފުޓްބޯޅަ އާއި އެހެނިހެން ކުޅިވަރުތައް ދިރުވައި، އާލާ ކުރުމުގައި ބޮޑެތި އެހީތެރިކަމެއް ވަމުން އަންނަ ކުންފުންޏެއްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވައްޖެ

    ކަމެއް ނުކުރިޔަސް ޖެނީ މެންނަށް މަހަކު 1 ލައްކަ ރުފިޔާ ލިބެންޔާ ތިބޭނީ ހެވިފައެއްނު... މިއޭ އެބުނާ ހެއު ވެރިކަމަކީ....

    7
    1