ރާއްޖޭގައި އެންމެ ބާރު ސްޕީޑުގައި ކުރިއަރަމުން އަންނަ އެއް ކުޅިވަރަކީ ފުޓްސަލްއެވެ. ހަގީގަތަށް ބުނާނަމަ، ދިވެހީންގެ ތެރޭގައި އޮތް ޒަމާންވީ ފުޓުބޯޅަ ފޯރި، މިއަދު ދައްކައިދެނީ އެކިއެކި ފުޓްސަލް މުބާރާތްތަކުންނެވެ. އަތޮޅުތަކާއި ރަށްރަށުގެ މުބާރާތްތަކަށް އެތައް ހަރަދެއް ޓީމުތަކުުން ކުރާއިރު، އަހަރެއް އަހަރަކަށް މުބާރާތްތަކުގެ ފެންވަރުވެސް ދަނީ ރަނގަޅުވަމުންނެވެ. ފުޓްސަލްގެ ތަރިންތަކެއް ކޮންމެ މުބާރާތަކުންވެސް ގެނެސްއެވެ.

ހުނަރު ތަރައްގީވެ، ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކުޅިވަރަކަށް މިއަދު ފުޓްސަލް ވަނީ ވެފައެވެ. ހާއްސަ ގޮތެއްގައި ގައުމީ އެންމެ މަތީ ފަންތީގައި ފުޓްސަލް ކުޅޭ ކުޅުންތެރިންނަށް އާންމުންގެ ބޮޑު މަގުބޫލު ކަމެއްވެސް ދަނީ ލިބެމުންނެވެ. ރަނގަޅު އާންމުދަނީއަކާއެކު، ކެރިއަރެއްގެ ގޮތުގައި ފުޓްސަލް ހިޔާރުކޮށްގެން ކުރިއަށްދާ ކުޅުންތެރިންވެސް އަންނަނީ ގިނަވަމުންނެވެ.

އަތޮޅުތަކާއި، ރަށްތަކުގެ މެދުގައިވެސް ފުޓްސަލްގެ ވާދަވެރިކަން އިންތިހާއެވެ. އެއާ ވިއްދައިގެން ކުޅުންތެރިންގެ ވާދަވެރިކަން އަދި މާ ބޮޑެވެ. ރާއްޖޭގެ ފުޓްސަލް "ކިންގް" އަކީ ކޮބާތޯ ނަގާ ހިޔާލު ހޯދުމުގެ ޕޯލްތަކުވެސް އެކަން ސާފުވެއެވެ. އެ ބަހުސްތަކުގައި ވާދަކުރާ ކުޅުންތެރިން ފެންނާނެ މުބާރަތަކަށް އެތައް ބަޔަކު އިންތިޒާރު ކުރާނެވެސް މެއެވެ. މިއޮތީ އަނެއްކާވެސް "ފުޓްސަލް ކިންގް"އިންގެ ފެންވަރު ވަޒަންކޮށްލާނެ ބޮޑު ފުޓްސަލްގެ އީދެކެވެ.

އެޗްއެސްސީ "ވަގުތު" ފުޓްސަލް ޗެލެންޖަށް މުޅި އައްޑޫ ފައްކާވެފައިވާ އިރު، މުބާރާތުގެ ޝަރަފާއި، ތަށްޓަށް ޓީމުތަކުން ދަނީ ކެނޑިނޭޅި މަސައްކަތްތައް ކުރަމުންނެވެ. ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް، މިއަހަރުވެސް "ވަގުތު"ގެ ފަރާތުން އައްޑުއަށް ގެނެސްދޭ އިރު، ރެއާ ދުވާލު އައްޑޫގެ ދަނޑުތަކުން ފެންނަނީ ޓީމުތަކުގެ ތަމްރީނުތަކާއި، ތައްޔާރީތަކެވެ.

މިދޔަ އަހަރު މުބާރާތުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

އައްޑޫގެ ހުނަރުވެރިންނަށް އެންމެ ބޮޑު ފުރުސަތު

"ވަގުތު" ފުޓްސަލް ޗެލެންޖު އައްޑޫގައި ބޭއްވުމުގެ އެންމެ ބޮޑު އަމާޒަކީ އައްޑޫގައި ތިބި ހުނަރުވެރި ކުދިން، ރާއްޖޭގެ އެންމެ އުހަށް ނެރެދިނުމެވެ. މުބާރާތުގެ ފޯރިއާއެކު ބެލުންތެރިންނަށް ތަފާތު ފުރިހަމަ މުބާރާތެއް ގެނެސްދިނުމުގެ އިތުރުން، ފުޓުބޯޅައާއި ފުޓްސަލްގެ ހަބެއްގެ ގޮތުގައި އައްޑު ކުރިއަރަމުން އަންނަ އައުމަށް "ބޫސްޓް"އެއް ދިނުމަކީވެސް މުބާރާތުގެ މަގުސަދެވެ.

ގައުމީ ލެވެލްގައިވެސް މިހާރުވެސް އައްޑޫގެ ހުނަރުވެރި އެތައް ކުދިންނެއް ފެންނަމުންދާ އިރު، މި މުބާރާތް މެދުވެރިވެގެން ފުޓްސަލްގައި ނަން ވިދާ ކުޅުންތެރިންވެސް ފެނުމަކީ ލިބޭނެ އިތުރު ފަހުރެކެވެ. މަސައްކަތުގެ ކާމިޔާބު ރަމްޒުކޮށްދޭ ހެއްކެކެވެ. ހާއްސަކޮށް ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގެ ހަބަރު ފަތުރާ ނޫސް، "ވަގުތު" ފަހިކޮށްދޭ އެންމެ ބޮޑު ފުރުސަތަކީވެސް މިއެވެ. މީޑިއާގެ އަތުގައި ހިފައިގެން ކުރިއަށްދާނެ ފުރުސަތެއް ޒުވާނުންނަށް ދިނުމެވެ. މުބާރާތުން ވިދާލާ، ކެރިއަރެއް ބިނާ ކުރުމަށް މިއީ ރަނުގެ ފުރުސަތެކެވެ.

އެންމެފަހުން ދެއަހަރު ޗެމްޕިއަން ބޭރުމަތި ހުއްޓުވޭނެތަ؟

މިދިޔަ އަހަރު ބޭއްވި "ވަގުތު" ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދި "ބޭރުމަތި" އިން ޓްރޮފީ އުފުލާލަނީ – ވަގުތު އިމޭޖްސް: އަމީން ފަހްމީ
މިދިޔަ އަހަރު ބޭއްވި "ވަގުތު" ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދި "ބޭރުމަތި" އިން ޓްރޮފީ އުފުލާލަނީ – ވަގުތު އިމޭޖްސް: އަމީން ފަހްމީ

މިދިޔަ ދެ އަހަރުވެސް ވަގުތު ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން ޓީމަކީ އެފްސީ ބޭރުމައްޗެވެ. މިއަހަރުގެ މުބާރާތަށްވެސް ބޭރުމަތިން ވަރަށް ބޮޑަށް ތައްޔާރުވެފައިވާ އިރު، ގިނަ ޓީމުތަކުގެ ޓާގެޓަކީވެސް ބޭރުމަތި ހުއްޓުވުމެވެ. ބޭރުމަތި ހުއްޓުވުމަށް ވަރުގަދަ ކުޅުންތެރިންނާއެކު ޓީމުތަކުން މުބާރާތަށް ނުކުމެފައިވާ އިރު، މުބާރާތް އެންމެ ފޯރިގަދަވާ އެއް ސަބަބަކީވެސް އެއީއެވެ.

ސަޕޯޓަރުންގެ ފޯރި މިހާރުވެސް ގަދަކޮށް ފެނިގެންދާ އިރު، މިރޭގެ ފުރަތަމަ މެޗާއެކު، މުޅި އައްޑޫއަށް ފުޓްސަލްގެ ބޮޑު އީދެއް އަންނާނެކަން ޔަގީނެވެ. ބޭރުމަތިން މީގެ ކުރިންވެސް ތަށި ހޯދުމުގައި ބޭނުންކުރި އެންމެ ވަރުގަދަ އުކުޅަކީ ސަޕޯޓަރުން ކަމަށްވާ އިރު، އެހެން ޓީމުތަކުންވެސް އެކަމަށް ސަމާލުވާނެކަން ޔަގީނެވެ.

އެހާރުގެ ފުޓުބޯޅަ ތަރިން، މިހާރުގެ ފުޓްސަލް ތަރިން

މުޅި އައްޑު ޝާމިލްވާ، ރާއްޖޭގެ އެންމެ އަގުބޮޑު، ފޯރިގަދަ ފުޓްސަލް މުބާރާތް "ވަގުތު" ފުޓްސަލް ޗެލެންޖަކީ ހުރިހާ ރަހަތަކެއް ގެނެސްދޭނެ މުބާރާތެކެވެ. ހާއްސަކޮށް މުބާރާތުގެ ކުޅުންތެރިންނަށް ބަލާ، އެހާރާއި މިހާރުގެ ހުނަރުވެރިން މުބާރާތުގައި ފެނިގެންދާނެއެވެ. އަދި ފުޓްސަލްއާއި ފުޓުބޯޅައިގެވެސް ރާއްޖޭގެ އެންމެ ފެންވަރުމަތީ ކުޅުންތެރިން، މިފަހަރުގެ މުބާރާތުން ފެނިގެންދާނެއެވެ.

އައްޑުއަކީ ފުޓުބޯޅައާއި ފުޓްސަލްގެ ހުނަރުވެރި ރަށަކަށްވާ އިރު، ފުޓުބޯޅައިގެ ތާރީހެއްވެސް އައްޑޫގައި އެބައޮތެވެ. އެ ތާރީހުގެ ތެރޭގައި ރާއްޖެއަށް ރީތި ނަން ހޯދައިދިން ބައެއް ކުޅުންތެރިންވެސް ހިމެނޭ އިރު، ގައުމީ ޖާޒީގައި ގައުމަށް ރަން ފަހުރުތައް ގެނެސްދިން ކުޅުންތެރިން މުބާރާތުން ފެނުމަކީ، މުބާރާތް ފުރިހަމަ ވެގެންދާ ސަބަބެވެ.

ބޭރުމަތި ޓީމުން ރާއްޖޭގެ ފުޓްސަލްގައި އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ އަލީ ހާފިޒް (ހާއްޕެ) ފެނިގެންދާ އިރު، ގޯލް ބަލަހައްޓާނީ މުހައްމަދު ޝަފީއު (ޗެކް)އެވެ. ހާއްޕެއާއެކު އެޓީމުން ދެން ފެންނާނީ ފުރަތަމަ ޑިވިޝަންގެ ޔުނައިޓެޑް ވިކްޓަރީގެ ކެޕްޓަން އަހުމަދު ނާޝިދު (ނައްޓޭ)އާއި އިބްރާހީމް އަސްވާދު (ގަބޭ)އެވެ. ޒެފިއާ ޓީމުން މީގެ ކުރިން ގައުމީ ޓީމަށް ކުޅުނު ޝަމްވީލް ގާސިމް (ބޮންޑާ) ފެނިގެންދާ އިރު، މޯލްޑިވިއަން ޓީމުން އަހުމަދު ސައީދު (އަންމަޓީ)ވެސް ފެނިގެންދާނެއެވެ.

ބޮންޑާއަކީ ގައުމީ ޖާޒީގައި ފަހުރުވެރި މެޗުތަކެއް ކުޅެ، ކްލަބު ލެވެލްގައިވެސް ލެޖެންޑަރީ ކުޅުންތެރިއެކެވެ. އަދި ހަމައެއާއެކު އަންމަޓީއަކީވެސް ހުރިހާ ދިވެހިން ދަންނަ ފުޓްބޯޅަ ލެޖެންޑެކެވެ. ސާފް ޗެމްޕިއަންޝިޕްގެ ރަން މެޑަލް އަޅާލި، ކުޅަދާނަ ޑިފެންޑަރެކެވެ.

އަންމަޓީގެ އިތުރުން މޯލްޑިވިއަން ޓީމުން ފެންނާނެ ކުޅުންތެރިންގެ ތެރޭގައި ކުރިން ޓީސީގެ ކެޕްޓަންކަން ކުރި އަލީ ނާފިއު (ކަޅޭ)ގެ އިތުރުން ފުޓްސަލްގައި ރާއްޖޭގެ ނަން މަޝްހޫރު އަލީ މާއިސް (މައްޓު)، ހުޒައިފަތު ރަޝީދު އަދި އިބްރާހީމް މުބީން (މުއްކި) ހިމެނެއެވެ. ވަން އެންޑް އޮންލީ ރީތިރަށް (ރީތި އައްޑޫ)ގެ ޓީމުން އާދަމް ލަރީފް (ރޮނާ)ވެސް ފެނިގެންދާ އިރު، ރޮނާއަކީ ގައުމީ ޖާޒީގައިވެސް ކުޅުނު ހުނަރުވެރި ފޯވަޑެކެވެ. ކްލަބު ލެވެލްގައި އޭނާގެ ނަން ކުރިން ގަދައެވެ.

މުބާރާތުގެ ގަދަ ބާރެއްގެ ގޮތުގައި ބެލެވޭ އުސްގަނޑު ޓީމުން ފެންނަ ބައެއް ތަރިންނަށް ބަލާ އިރު، އީގަލްސްގެ ހުނަރުވެރި ފޯވަޑް ހަސަން ރާއީފް (ހަންނަ)އާއި ރާއްޖޭގެ ފުޓްސަލްގެ ރަން ގޯލްކީޕަރު އިސްމާއީލް ފާތިހު (ތާޑޭ)ގެ އިތުރުން އަޔާޒް އަހްމަދު (އަޔާ) އަދި ހުސައިން ޝަރީފް (އޮންލީ)އާއި ވިކްޓަރީއަށް ކުޅޭ ޒުވާން ހުނަރުވެރިޔާ ސަޔަމް ސައީދު ހިމެނެއެވެ.

ފުޓްސަލްގައި ރާއްޖޭގެ އެންމެ އަގުބޮޑު ތަށި ހޯދުމަށް 16 ޓީމުން ފަށާ ދަތުރު މިރޭ ފަށާނެއެވެ. ހިތަދޫގައި ކުރިއަށްދާ މުބާރާތަކަށް މުޅި އައްޑު އޮތީ ފައްކާވެފައެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 120000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ އިރު، ރަނަރަޕް ޓީމަށް 30000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ. ފޯރިގަދަ މެޗުތަކަކަށް އިންތިޒާރުގައި އެތަކެއް ސަޕޯޓަރުންނެއްް ތިބި އިރު، މުބާރާތުގެ ކުޅުމަށް މާޔޫސްވާން ނުޖެހޭނެކަން ތަރިންގެ ލިސްޓަށް ބަލާލުމުންވެސް އެނގެއެވެ.