މިއަދު އައްޑޫ ސިޓީ ހިތަދޫގައި ފަށާ "ވަގުތު" ފުޓްސަލް ޗެލެންޖުގެ ޓްރެވަލް ޕާޓްނަރަކަށް ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ހަމަޖެހިއްޖެއެވެ.

ކޮންމެ އަހަރަކުވެސް އައްޑޫގައި ބާއްވަމުން އަންނަ "ވަގުތު" ފުޓްސަލް ޗެލެންޖުގެ ޓްރެވަލް ޕާޓްނަރަކަށް މޯލްޑިވިއަން ހަމަޖައްސާފައިވާއިރު، މޯލްޑިވިއަންއަކީ ގައުމީ އެއާލައިންނެވެ. އެތައް ޒަމާނެއް ވަންދެން ރައްޔިތުންނަށް ހިދުމަތް ދެމުން އަންނަ މޯލްޑިވިއަންއަކީ ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ޒަމާނީ އެއާލައިނެކެވެ.

މިއަދުން ފެށިގެން 26 ވަނަ ދުވަހާ ހަމައަށް އައްޑޫ ސިޓީ ހިތަދޫގައި ކުރިއަށްދާ މި މުބާރާތުގައި މިފަހަރު ވެސް 16 ޓީމަކުން ވާދަކުރާނެއެވެ. މީގެ ކުރީ އަހަރުތަކުގައި ވެސް ފޯރި ގަދަކަން ފާހަގަވެގެން ދިޔަ "ވަގުތު" ފުޓްސަލް މުބާރާތުގައި، މިއަހަރު ވެސް ރާއްޖޭގެ ފުޓްސަލް ތަރިން ފެނިގެންދާނެއެވެ.

"ވަގުތު" ފުޓްސަލް މުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 120000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރަނަރަޕް ޓީމަށް 30000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ.

"ވަގުތު" ފުޓްސަލް މުބާރާތް ފާއިތުވި ދެ އަހަރު ވެސް ކާމިޔާބު ކޮށްފައި ވަނީ "ބޭރުމަތި" އިންނެވެ.

މިއަހަރު މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އެޗްއެސްސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ. އެހެންކަމުން މިއަހަރުގެ މުބާރާތް ކުރިއަށް ގެންދާނީ އެޗްއެސްސީ "ވަގުތު" ފުޓްސަލް ޗެލެންޖްގެ ނަމުގައެވެ. ކޯ ސްޕޮންސަރަކީ ޝީޝާއެވެ.