"ވަގުތު" ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅުނު ތިންވަނަ މެޗުގައި މަރަދޫ ފޭދޫން ވަރުގަދަ މޯލްޑިވިއަން ހިފަހައްޓައިފިއެވެ.

ހިތަދޫ ދަނޑުގައި މިރޭ ކުޅުނު މެޗު ނިމުނީ 3-3ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. މަރަދޫ ފޭދޫން މެޗުން މޮޅުވާން ދަނިކޮށް، މޯލްޑިވިއަންއިން ނަތީޖާ ހަމަހަމަ ކުރީ ފަހު މިނެޓުގައެވެ.

މެޗު ވަރުގަަދަކޮށް ފެށީ މޯލްޑިވިއަންއިންނެވެ. ތަރިންނާއެކު މުބާރާތަކަށް ނުކުތް މޯލްޑިވިއަންގެ ޓީމުން ފާހަގަކޮށްލެވުނު ކުޅުންތެރިންގެ ތެރޭގައި ތަޖުރިބާކާރު އަދި ޒުވާން ކުޅުންތެރިންވެސް ހިމެނެއެވެ. އެގޮތުން އީގަލްސްގެ މެދުތެރެއިން ފާހަގަކޮށްލެވުނު އިބްރާހީމް މުބީން (މުއްކި)ގެ އިތުރުން ރާއްޖޭގެ ފުޓްސަލްގެ ވިދުން ގަދަ ތަރިން ކަމަށްވާ އަލީ މާއިސް (މައްޓު) އަދި ހުޒައިފަތު ރަޝީދުވެސް މޯލްޑިވިއަންގެ ޖާޒީގައި ފެނިގެންދިޔައެވެ.

"ވަގުތު" ފުޓްސަލް ޗެލެމްޖުގައި މޯލްޑިވިއަންއާއި މަރަދޫ ފޭދޫ ވާދަކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާޙީމް ޝާބިލް

ރާއްޖޭގެ ގައުމީ ޓީމުން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިރު، އެޓީމުގައި މުހިއްމު ރޯލެއް އަދާކުރި އަހުމަދު ސައީދު (އަންމަޓީ)ވެސް މޯލްޑިއަން ޓީމުން ފާހަގަކޮށްލެވުނެވެ. އޭގެ އިތުރުން ޓީސީގެ ކެޕްޓަން ބޭންޑް އަޅައިގެން ކުރިން ކުޅުނު އަލީ ނާފިއު (ކަޅޭ) އަކީ މޯލްޑިވިއަންގެ ކެޕްޓަނެވެ.

ފުރަތަމަ ކޮޅުގައި މޯލްޑިވިއަންއިން ފުލުފުލުގައި ދެ ހަމަލާއެއް އުފެއްދި ނަމަވެސް، ފަސޭހަ ގޯލާއެކު ލީޑު ނެގީ މަރަދޫ ފޭދޫ އެފްސީއެވެ. އެޓީމުގެ ހުސައިން ވާފިރު ޖަހައިދިން ގޯލުން މޯލްޑިވިއަންއަށް މާޔޫސްކަން ގެނުވި ނަމަވެސް، އެ ގޯލަށް ފަސް ވަރަކަށް މިނެޓްފަހުން މޯލްޑިވިއަންގެ އިބްރާހީމް މުބީން (މުއްކި) ޖަހައިދިން ގޯލުން މެޗުގެ ނަތީޖާ ހަމަހަމަ ވެގެންދިޔައެވެ.

ގޯލާއެކު މޯލްޑިވިއަންއިން ހަމަޖެހިލި ނަމަވެސް، އަނެއްކާވެސް ލީޑު ނެގީ މަރަދޫ ފޭދޫއިންނެވެ. މިފަހަރު ގޯލް ޖަހައިދިނީ ހުސައިން ޔަލީންއެވެ.

"ވަގުތު" ފުޓްސަލް ޗެލެމްޖުގައި މޯލްޑިވިއަންއާއި މަރަދޫ ފޭދޫ ވާދަކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ މުހައްމަދު އަފްޒަލް

ދެވަނަ ހާފް ފެށިގެން މާ ގިނައިރެއް ނުވެ، މޯލްޑިވިއަންއިން އަނެއްކާވެސް ނަތީޖާ ހަމަހަމަކުރިއެވެ. ކެޕްޓަން އަލީ ނާފިއުގެ ގޯލާއެކު މޯލްޑިވިއަންއިން އުންމީދު އާކުރި އިރު، އެޓީމަށް ހަމަޖެހިލައިގެން ތިބެވުނީ އިރުކޮޅަކުއެވެ.

މެޗުގެ ފަހުކޮޅުގައި މޯލްޑިވިއަންއިން ވަނީ ނަތީޖާ އަނބުރާލުމަށް ބޮޑެތު މަސައްކަތްތަކެއް ކޮށްފައެވެ. އެ ހުރިހާ ހަމަލާތަކެއް ދިފާއުކޮށް މަރަދޫ ފޭދޫއަށް ލީޑު ދަމަހައްޓައިދިނީ މަރަދޫ ފޭދޫގެ ގޯލްކީޕަރެވެ. އަންމަޓީއާއި މުއްކިގެ ހަމަލާތައްވެސް އޭނާ ވަނީ ދިފާއުކޮށްފައެވެ. އޭގެ އިތުރުން މެޗު ނިމެން ދަނިކޮށް، އަންމަޓީއަށް ލިބުނު ރަނުގެ ފުރުސަތުވެސް އޭނާ ނަގާލިއެވެ.

ގިނަ ފުރުސަތުތަކެއް މޯލްޑިވިއަންއަށް ލިބި ބޭކާރު ވެގެންދިޔަ އިރު، މެޗުގެ ފަހު މިނެޓްގައި އެޓީމު ސަލާމަތް ކޮށްދިނީ ކަޅޭގެ ގޯލުންނެވެ.

"ވަގުތު" ފުޓްސަލް ޗެލެމްޖުގައި މޯލްޑިވިއަންއާއި މަރަދޫ ފޭދޫ ވާދަކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ މުހައްމަދު އަފްޒަލް

އައްޑޫ ހިތަދޫގައި ކުރިއަށްދާ "ވަގުތު" ފުޓްސަލް ޗެލެންޖަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 120000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރަނަރަޕް ޓީމަށް 30000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ.

މިއަހަރު މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އެޗްއެސްސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ. އެހެންކަމުން މިއަހަރުގެ މުބާރާތް ކުރިއަށް ގެންދާނީ އެޗްއެސްސީ "ވަގުތު" ފުޓްސަލް ޗެލެންޖްގެ ނަމުގައެވެ. ކޯ ސްޕޮންސަރަކީ ޝީޝާއެވެ. ބެވަރޭޖް ޕާޓްނާއަކީ އާގަލާއެވެ. ޓްރެވެލިން ޕާޓްނާއަކީ މޯލްޑިވިއަންއެވެ. ސްޕޯޓްސް ޕާޓްނާއަކީ ސޮނީ ސްޕޯޓްސްއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ވާފިރު --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

މުބާރާތުގައި މާދަމާރޭ ކުޅޭނެ މެޗުތައް:

20:30 - އެފްސީ އުސްގަނޑަ - އެފްސީ ޒެފިއާ
21:30 - އެފްސީ މޫލެކެޑަ - ވިނިން ފައިވް
22:30 - ފްރެންޑްސް ކްލަބު - ޑީސީ ސްޕޯޓްސް ކްލަބު