މެންޗެސްޓާ ޔުނައިޓެޑުގެ ތަރި ޕައުލް ޕޮގްބާ އެ ކްލަބު ދޫކޮށްލަން ބޭނުންވާ ކަން ފާޅުކަން ބޮޑު ގޮތެއްގައި ހާމަ ކޮށްފައި ވާއިރު، ޕޮގްބާ މާބޮޑަށް އެ ކްލަބު ދޫކޮށްލަން އުޅޭތީ އޭނާ ވިއްކާ އަގު ޔުނައިޓެޑުން ބޮޑު ކުރަން ނިންމައިފިއެވެ.

މީގެ 3 އަހަރު ކުރިން 89 މިލިއަން ޕައުންޑަށް ޔުވެންޓަސް އިން ޔުނައިޓެޑަށް ބަދަލުވި ޕޮގްބާ އެ ކުލަބާއި ހަދާފައިވާ ކޮންޓްރެކްޓުގައި ބާކީ އަދި 3 އަހަރު އޮތް އިރު، އެ ކްލަބުގެ އިސްވެރިން ތިބީ އޭނާ ދޫކޮށްލާ ފަދަ ވިސްނުމެއްގައެއް ނޫނެވެ.

ޕޮގްބާ ޔުނައިޓެޑު ދޫކޮށްލަން އުޅޭ އިރު، އޭނާގެ އަގު އޮތީ 150 މިލިއަން ޕައުންޑުގައެވެ. ނަމަވެސް، ޕޮގްބާ އާއި އޭނާގެ އޭޖެންޓު މާބޮޑަށް މިކަން ކުރަން މަސައްކަތް ކުރާތީ ޔުނައިޓެޑުން ވަނީ އެ އަގު 180 މިލިއަން ޕައުންޑަށް ބޮޑު ކުރަން ނިންމާފައެވެ. މިއީ ޔުނައިޓެޑުން އޭނާ ގަތް އަގުގެ ދެގުނަ އާއި ގާތް ކުރާ އަދަދެއް ކަން ފާހަގަ ކޮށްލެވެއެވެ.

ފެށޭ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ޔުނައިޓެޑުން އޮސްޓްރޭލިއާގައި ބާއްވާ ޕްރީ ސީޒަން ޓުއާގައި ޕޮގްބާ ބައިވެރި ވެފައި ވީ ނަމަވެސް، އޭނާގެ މޫނު މަތިންވެސް އެ ކްލަބުގައި މަޑު ކުރަން ބޭނުން ނުވާ ކަން ހާމަ ވެގެން ދެއެވެ.

މިދިޔަ އަހަރު ފްރާންސް އަށް ފީފާ ވޯލްޑް ކަޕް ކާމިޔާބު ކޮށްދިނުމުގައި ވެސް އިސް ދައުރެއް އަދާ ކޮށްފައިވާ ޕޮގްބާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަނީ ޔުވެންޓަސް އާއި ރެއަލް މެޑްރިޑުންނެވެ. ޕޮގްބާ އެނބުރި ޔުވެންޓަސް އަށް ދާން ބޭނުންވި ނަމަވެސް، މެންޔޫ އިން ފިއްތުންތައް ކުރިމަތި ކުރުވާތީ ޔުވެންޓަސް އިން އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާލައިފި ކަމަށް މީޑިއާ ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ.