ރެއަލް މެޑްރިޑްގެ ކޯޗު ޒައިނެއްދީން ޒިދާންގެ ދޮށީ ދަރި އެންޒޯ ޒިދާން ޕޯޗުގަލްގެ ކްލަބަކަށް ބަދަލުވުމުގެ މަސައްކަތް ފަށައިފިއެވެ.

24 އަހަރުގެ މިޑްފިލްޑަރު މީގެ ކުރިން ކުޅެމުން އައީ ސްވިޒަލޭންޑުގެ ލައުސޭން އަށް ނަމަވެސް، އެ ކްލަބާއި އެކު ހަދާފައިވާ ކޮންޓްރެކްޓު ހަމަވުމުން، ޒިދާން ވަނީ އޭނާގެ ދަރި ޕޯޗުގަލްގެ ވިކްޓޯރިއޯ ޑި ގުއަމަރޭސް އަށް ސޮއި ކުރުމަށް މީގެ އެތައް ހަފްތާ އެއް ކުރިން މަސައްކަތް ފަށައިފައި ކަމަށް މީޑީއާ ރިޕޯޓްތައް ބުނެއެވެ.

ވަރަށް ކުޑަ އިރުން ފެށިގެން ޔުވެންޓަސްގެ އެކަޑަމީގައި ތަމްރީން ހެދުމަށް ފަހު އެންޒޯ ވަނީ 2004ވަނަ އަހަރު ރެއަލް މެޑްރިޑަށް ބަދަލުވެފައެވެ. އެ ކްލަބުގެ ބީ ޓީމުގައިވެސް އިސް ދައުރެއް އެންޒޯ އަދާ ކުރި އިރު އޭނާ ވަނީ ރެއަލްގެ ސީނިއާ ޓީމަށްވެސް މެޗެއް ކުޅެދީ، އެ މެޗުގައި ލަނޑެއް ޖަހައި ރެއަލް މޮޅުވުމަށް އެހީތެރި ވެދީފައިކަން ފާހަގަކޮށްލެވެއެވެ.

ނަމަވެސް، 2017ވަނަ އަހަރު އެންޒޯ ވަނީ ރެއަލް ދޫކޮށް ލަލީގާގެ ކްލަބެއް ކަމުގައިވާ އަލަވޭސް އަށް ސޮއި ކޮށް، ދުވަސްކޮޅަށް އެ ކްލަބު ތަމްސީލް ކުރުމަށް ފަހު، ލައުސޭން އަށް ބަދަލުވެފައެވެ.

އެންޒޯގެ އިތުރުން ޒިދާންގެ 3 ދަރިން ހުންނަ އިރު، އެ 3 ކުދިންވެސް އަންނަނީ ރެއަލް ތަމްސީލް ކުރަމުންނެވެ. މިގޮތުން އޭނާގެ ދެވަނަ ދަރި ލޫކާ، ރެއަލްގެ ސީނިއާ ޓީމުގެ ގޯލު ދެ ފަހަރެއްގެ މަތިން ބެލުމަށް ފަހު ލޯން އުސޫލުން ރޭސިންގް ސަންޓެންޑާ އަށް ކުޅެމުން އަންނަ އިރު، ދެން ތިބި ދެ ކުދިން އަންނަނީ ރެއަލް މެޑްރިޑުގެ އެކަޑަމީގައި ތަމްރީންތައް ހަދަމުންނެވެ.