ލަލީގާ ޗެމްޕިއަނުން ކަމުގައިވާ ފުޓްބޯލް ކްލަބް ބާސެލޯނާ އަށް ދާދި ފަހުން އެންޓޮއިން ގްރީޒްމަން ގުޅުމުން، އެ ކްލަބަށް ކުޅެމުން އަންނަ ފިލިފް ކޮޓީނިއޯގެ 7 ނަމްބަރު ޖާޒީ ގެއްލިއްޖެ އެވެ.

މި ޓްރާންސްފާ މާކެޓުގައި ބާސާ އިން ކޮޓީނިއޯ ދޫކޮށްލަން އުޅޭ ކަމުގެ އަޑު ތަކެއް އަރަފައި ވަނިކޮށް، އެ ކްލަބަށް ގްރީޒްމަން އައުމުން ކޮޓީނިއޯގެ ޖާޒީ ގްރީޒްމަން އަށް ދޭނެ ކަމަށް ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އާއްމު ގޮތެއްގައި ކްލަބަށް އަލަށް ވަންނަ ކުޅުންތެރިން ބޭނުންވާ ނަމްބަރު އެހެން ކުޅުންތެރިއަކު ބޭނުން ކުރާ ނަމަ، އައު ކުޅުންތެރިޔާ ޖެހޭނީ ކޮންމެވެސް އެހެން ނަމްބަރެއް ނަގަންށެވެ. ނަމަވެސް، ބާސާގައި ގްރީޒްމަން އަދާ ކުރާ ދައުރު ބޮޑު ވުމާއި، ކޮޓީނިއޯ އާއި އެ ކްލަބާއި އޮންނަ ގުޅުން ހީނަރުވަމުން އަންނަ މި ދަނޑިވަޅުގައި ބޮޑަށް ބުރަ ވެވެނީ ގްރީޒްމަން އަށް 7 ނަމްބަރު ލިބޭނޭ ކަމަށެވެ.

ދިގު އިންތިޒާރަކަށް ފަހު 120 މިލިއަން ޔޫރޯގެ ރިލީސް ކްލޯސް އެއް އެތްލެޓިކޯ އަށް ދެއްކުމަށް ފަހު ގްރީޒްމަން ބާސާ އަށް ދިޔަ ނަމަވެސް، އެތްލެޓިކޯ އިން ބުނެފައި ވަނީ ބާސާ އިން ދައްކަން ޖެހޭނީ 120 މިލިއަން ނޫން ކަމަށާއި، ގްރީޒްމަން އާއި ބާސާ އާއި ދެމެދު އެއްބަސް ވުމަކަށް އާދެވުނީ ޖުލައި މަހުގެ ކުރިން ކަމުން، އޭރު ގްރީޒްމަންގެ ރިލީސް ކްލޯސް އުޅޭނީ 200 މިލިއަން ޔޫރޯގައި ކަމަށެވެ.

ބާކީ ނުލިބި އޮތް 80 މިލިއަން ހޯދުމަށް ބާސާ ގޮވައިގެން ކޯޓަށް ދާނޭ ކަންވެސް އެތްލެޓިކޯ އިން ހާމަ ކޮށްފައި ވާއިރު، ޓްރާންސްފާ މާކެޓު ފެށުމުގެ ކުރިން މި ދެފަރާތުން މަޝްވަރާތައް ފެށުމުން އެތްލެޓިކޯ އިން ވަނީ އެކަން ކުށްވެރިކޮށް، ދެފަރާތަށް ވަރަށް ބޮޑަށް ފާޑުވެސް ކިޔަފައިކަން ފާހަގަކޮށްލެވެއެވެ.