ބ. އަތޮޅު އޭދަފުށީގައި މިހާރު ކުރިއަށްދާ ބ.ފުޓްބޯޅަ ޗެލެންޖުގައި އިއްޔެ ކުޅުނު ސެމީގެ ފަހު މެޗު ބޮޑު ތަފާތަކުން ގޮއިދޫ ކާމިޔާބު ކޮށްފިއެވެ.

މާޅޮހާއި ދެކޮޅަށް ކުޅުނު މި މެޗު 12-0 ން ގޮއިދޫ ކާމިޔާބު ކޮށްފައި ވާއިރު، މިއީ މުބާރާތުގެ ރެކޯޑެއް ކަން ފާހަގަ ކޮށްލެވެއެވެ. މީގެ ކުރިން އޭދަފުށިން ވަނީ މާޅޮސް 11-0ގެ ތަފާތަކުން ބަލިކޮށްފައެވެ.

މިއަދު މެޗުގެ މޮޅު ކުޅުންތެރިޔާ އާދަމް ނިޒާމް 2 ހެޓްރިކް ހަދާފައި ވާއިރު، އެ ޓީމުގެ އާދަމް މާޖިދު ވެސް ހެޓްރިކެއް ހަދާފައިވާ ކަން ފާހަގަކޮށްލެވެއެވެ. އެ ޓީމަށް ދެން ލަނޑު ޖަހައިދީފައި ވަނީ ނާސިހް ޔޫސުފާއި ފައްރާސް ސަލީމުގެ އިތުރުން އާދަމް ހަލީލް އެވެ.

މި މުބާރާތުގެ ފުރަތަމަ ސެމީގައި ބުދަ ދުވަހު ކިހާދޫ އާއި އޭދަފުށި ކުޅެން ހަމަޖެހިފައި ވާއިރު، ގޮއިދޫ އާއި ކެންދޫ ވާދަ ކުރާ ދެވަނަ ސެމީ އޮންނާނީ ބުރާސްފަތި ދުވަހުއެވެ.

މިމަހުގެ 20ގެ ނިޔަލަށް އޭދަފުށީ ޓާފް ދަނޑުގައި ކުރިއަށް ދާ މި މުބާރާތުގައި އެ އަތޮޅުގެ ފުޅަދޫ އާއި ކަމަދޫ ނޫން ހުރިހާ ރަށަކުން ވަނީ ބައިވެރިވެފައެވެ. އޭދަފުށީ ވެސްޓް ވިންގްސް އިން އިސްނަގައިގެން އެ އަތޮޅު ރަށްތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، އެކުވެރިކަން އާލާކުރުމުގެ މަގުސަދުގައި އިންތިޒާމް ކުރާ މި މުބާރާތުގެ ސްޕޮންސަރަކީ ފޯ ސީޒަންސް ލަނޑާ ގިރާވަރެވެ.