މި މަހުގެ 18އިން 28ށް މޮރިޝަސްގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ދިވެހި ރާއްޖެ ތަމްސީލް ކުރާ އެތްލީޓުންނާއި ރާއީސް އިބްރާހިމް މުހައްމަދު ސޯލިހް ބައްދަލު ކުރައްވައި، އެ އެތްލީޓުންނަށް ހިތްވަރު ދެއްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައި ވަނީ ރާއްޖެ އަށް އެންމެ ފުރަތަމަ މެޑަލް އެއްވެސް ލިބިފައި ވަނީ މި މުބާރާތުން ކަމަށާއި، މި މުބާރާތަކީ ރާއްޖޭގެ ކުޅިވަރާއި ވަރަށް ބޮޑަށް ގުޅިފައި އޮތް މުބާރާތެއް ކަމަށެވެ.

މި މުބާރާތުގައި ރާއްޖޭގެ ދިދަ އުފުލާނެ އެތްލީޓަކަށް ބާސެކެޓު ތަރި އަހުމަދު ޒަބީރު ހޮވުމަށް ފަހު ރައީސް އިތުރަށް ވިދާޅުވެފައި ވަނީ ރާއްޖެ ތަމްސީލް ކުރާ އެތްލީޓުން ހޯދާ ކޮންމެ ކާމިޔާބީ އަކީވެސް ރާއްޖެ އަށް ލިބިގެންދާ ބޮޑު ފަޙުރެއް ކަމަށާއި، މުބާރާތުގެ ތެރޭގައި ހިފާއްޓަން ޖެހޭ އަހުލާގީ މިންގަނޑު ހިފޭއްޓުމަށް ސަމާލުކަން ދޭން ޖެހޭނޭ ކަމަށެވެ.

"ތޔަ ކުޅުންތެރިން ހޯދާ ކޮންމެ ކާމިޔާބަކީ، މުޅި ޤައުމަށް ލިބޭނެ ވަރަށް މަތިވެރި ފަޚުރަކާއި ޝަރަފަކަށް ވާނެ. އެހެންވީމާ، ތިޔަ ކުޅުންތެރިން މުބާރާތަށް ގޮސް އުޅޭއިރު، ރީތި އަޚުލާޤުގެ އެންމެ މަތީ މިންގަނޑުގައި ހިފެހެއްޓުމަކީ، އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް" ރައީސް ވިދާޅުވިއެވެ.

މިއަހަރުގެ މުބާރާތުގައި ރާއްޖެއިން 10 ކުޅިވަރެއްގައި ބައިވެރި ވެފައިވާ އިރު، ސަރުކާރުން އަންނަނީ 2023ގެ އައިއޯއައިޖީ ރާއްޖޭގައި ބޭއްވުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތް ތަކެއް ކުރައްވަމުންނެވެ. މިގޮތުން 2023ގެ މުބާރާތް ރާއްޖޭގައި ބޭއްވުމަށް އެދި ސީޝެލްސް އާއި މޮރިޝަސްގެ އިތުރުން މަޑަގަސްކާގެ ސަރުކާރުގައި އެދިފައިވާ ކަންވެސް ފާހަގަކޮށްލެވެއެވެ. އަދި މިއަހަރުގެ މުބާރާތް ނިމުމާއި އެކު ދެން އޮންނަ މުބާރާތައް ދުރާލާ ތައްޔާރު ވުމުގެ މަސައްކަތްތައް ވެސް ފެށިގެން ދާނޭ ކަމަށް ރައީސް މައުލޫމާތު ދެއްވިއެވެ.

2023ގެ މުބާރާތް ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ އިރުގައި އެ މުބާރާތާއި ދިމާކޮށް އަޅަން ޖެހޭ ދަނޑު ތަކާއި އެނޫންވެސް ވަސީލަތްތައް ގާއިމު ކުރުމުގެ މަސައްކަތް ރާއްޖޭގެ ތަރައްގީގެ ނިޒާމްގެ ތެރެއިން ކުރައްވާނޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މި އަހަރުގެ މުބާރާތުގައި ވާދަ ކުރާނީ ރާއްޖޭގެ އިތުރުން މަޑަގަސްކާ، ސީޝެލްސް، މޮރިޝަސް، ރީޔޫނިއަން އަދި މަޔޮޓޭގެ އިތުރުން ކޮމޮރޯސް އެވެ.