ދާދި ފަހުން އެތްލެޓިކޯ މެޑްރިޑުން ޗެމްޕިއަން ބާސެލޯނާ އަށް ބަދަލުވި އެންޓޮއިން ގްރީޒްމަން ރަސްމީކޮށް އެ ކްލަބު ކުޅުންތެރި އެއްގެ ގޮތުގައި ދައްކާލަފައި ވާއިރު، ކުރިން ބެލެވުނު ގޮތާއި ހިލާފަށް ގްރީޒްމަން އަށް ލިބުނީ 7 ނަމްބަރު ޖާޒީ އެއް ނޫނެވެ.

ސްޕެއިން މީޑިއާ ރިޕޯޓްތައް މީގެ ކުރިން ބުނެފައި ވަނީ ގްރީޒްމަން ކުޅޭނީ 7 ނަމްބަރަށް ކަމަށެވެ. އެއީ އެ ނަމްބަރު މިހާރު ބޭނުން ކުރަމުން އަންނަ ފިލިޕް ކޮޓީނިއޯ އާއި އެ ކްލަބާއި އޮތް ގުޅުން ހީނަރު ވުމާއި، ބާސާ އިން ކޮޓީނިއޯ ދޫކޮށްލަން އުޅޭ ކަމުގެ އަޑުތައް އަރައިފައި ވާތީއެވެ.

ނަމަވެސް، ގްރީޒްމަން ރަސްމީކޮށް ދައްކައިލުމުން ހާމަ ވީ އޭނާ ކުޅޭނީ 17 ނަމްބަރަށް ކަމެވެ. ބެލެވޭ ގޮތުގައި ކޮޓީނިއޯ އޭނާގެ 7 ނަމްބަރު ޖާޒީ ގްރީޒްމަން އަށް ދޭން އެއްބަސް ނުވުމުން އެ ނަމްބަރާއި އެންމެ ވައްތަރު ނަމްބަރަކަށް 17 ވުމުން، ގްރީޒްމަން އެ ނަމްބަރު ނެގީއެވެ.

120 މިލިއަން ޕައުންޑުގެ އަގަކަށް ބާސާ އަށް ގްރީޒްމަން ސޮއި ކޮށްފައި ވާއިރު، އެތްލެޓިކޯ އިން ބުނަމުން އަންނަނީ އެ ކްލަބުން އިތުރަށް އަދި 80 މިލިއަން ޕައުންޑް ދޭން ޖެހޭނޭ ކަމަށާއި، އެ މައްސަލަ ކޯޓަށް ވެސް ހުށަހަޅާނޭ ކަމަށެވެ.

މެސީ އާއި އެކު ކުޅެން ފުރުސަތު ލިބުމުން ގްރީޒްމަން ބުނެފައި ވަނީ އެއީ ދުނިޔޭގެ ކޮންމެ ކުޅުންތެރި އަކުވެސް ނަމޫނާ އަކަށް ބަލަން ޖެހޭ މީހެއް ކަމަށާއި، މެސީ އާއި އެކު ކުޅެން ލިބުމުން ވަރަށް އުފާވާ ކަމަށެވެ.

މިދިޔަ އަހަރު ފްރާންސް އަށް ފީފާ ވޯލްޑް ކަޕް ކާމިޔާބު ކޮށްދިނުމުގައި ވެސް ބޮޑު ދައުރެއް އަދާ ކުރި ގްރީޒްމަން ބާސާ އަށް ބަދަލުވުމުން، ފެށޭ ސީޒަނުގައި އެ ކްލަބުގެ ކުޅުން ވަރަށް ރަނގަޅު ވާނޭ ކަމަށް ބެލެވެއެވެ.