މި ޓްރާންސްފާ މާކެޓުގައި ޗެލްސީ ދޫކޮށް ސްޕެއިންގެ ގަދަ ބާރެއް ކަމުގައިވާ ރެއަލް މެޑްރިޑާއި ގުޅުނު އެޑެން ހަޒާޑް ބޭނުންވި އެއްވެސް ނަމްބަރެއް އެ ކްލަބުން އޭނާ އަކަށް ނުލިބުނެވެ.

މީގެ ކުރިން ޗެލްސީގައި 17 ނަމްބަރަށް ކުޅުމަށް ފަހު ހަޒާޑު އެންމެ ފަހުން ބޭނުން ކުރަމުން އައީ 10 ނަމްބަރު ޖާޒީއެވެ. ނަމަވެސް ރެއަލް މެޑްރިޑުގެ 10 ނަމްބަރު ބޭނުން ކުރަމުން އަންނަނީ މިދިޔަ އަހަރުގެ ބެލޯންޑިއޯ ކާމިޔާބު ކުރި ލުކާ މޮޑްރިޗް ކަމުން ހަޒާޑް ދެން ބޭނުންވީ ރޮނާލްޑޯ މީގެ ކުރިން ކުޅެމުން އައި 7 ނަމްބަރެވެ.

ކަން ދިމާ ކުރި ގޮތުން އެ ނަމްބަރު މިހާރު ބޭނުން ކުރަމުން އަންނަ މަރިއާނޯ ޑިއާޒް އެވެ.

ރޮނާލްޑޯ އެ ކްލަބު ދޫކޮށްލި ފަހުން މަރިއާނޯ އާއި 7 ނަމްބަރު ހަވާލު ކުރެވިފައި ވާއިރު، އޭނާ ވަނީ ހަޒާޑު އަށް އެ ނަމްބަރު ދޭން ދެކޮޅު ހަދައިފައެވެ.

ހަޒާޑު ބޭނުންވި ދެ ޖާޒީވެސް އޭނާ އަށް ނުލިބުމުން އޭނާ އިހްތިޔާރު ކުރީ 23 ނަމްބަރެވެ. ސަބަބެއް ކަމުގައި ހަޒާޑު ބުނެފައި ވަނީ އެއީ މަޝްހޫރު ބާސްކެޓު ކުޅުންތެރިން ކަމުގައިވާ މައިކަލް ޖޯޑަން އާއި ލެބްރޮން ޖޭމްސްގެ ނަމްބަރަށް ވާތީއެވެ. ސްޕެއިންގެ މަރުކާ އިން ރިޕޯޓް ކުރާ ގޮތުގައި ހަޒާޑު އަކީ ބާސްކެޓަށް ވަރަށް ފޯރި ހުންނަ ކުޅުންތެރި އެކެވެ.

5 އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުން ހަޒާޑު ރެއަލް މެޑްރިޑާއި ގުޅިފައި ވާއިރު، އެ ކްލަބުގެ ޕްރީ ސީޒަން ތަމްރީން ތަކުގައި ބުރާސްފަތި ދުވަހު ބަޔާން އާއި ދެކޮޅަށް ކުޅޭ މެޗުގައި އެ ކްލަބުގެ ސަޕޯޓަރުންނަށް އޭނާ ފުރަތަމަ ފަހަރަށް ރެއަލްގެ ޖާޒީގައި މެޗެއް ކުޅޭތަން ފެނިގެން ދާނެއެވެ.