ދުނިޔޭގެ އެންމެ ޝަރަފްވެރި އަދި އެންމެ ޒަމާންވީ ޓެނިސް މުބާރާތް ކަމުގައިވާ ވިމްބްލްޑަންގެ ފިރިހެން ސިންގަލްސްގެ ފައިނަލްގައި އަނެއްކާވެސް ރޯޖާ ފެޑެރާ ބަލި ކުރުމަށް ފަހު ނޮވަކް ޖޮކޮވިޗް މި އަހަރުގެ މުބާރާތް ވެސް ކާމިޔާބު ކޮށްފިއެވެ.

މެޗުގެ ފުރަތަމަ ސެޓު 7-6ން ކާމިޔާބު ކުރީ ޖޮކޮވިޗް ނަމަވެސް ދެވަނަ ސެޓު ފެޑެރާ ވަނީ 6-1ން ކާމިޔާބު ކޮށް މެޗުގެ ފޯރި ގަދަ ކޮށްދީފައެެވެ.

ތިންވަނަ ސެޓު 7-6ގެ ނަތީޖާ އަކުން އަނެއްކާވެސް ޖޮކޮވިޗް ކާމިޔާބު ކުރި އިރު، 4ވަނަ ސެޓު ފެޑެރާ ކާމިޔާބު ކުރީ 6-4ން ނެވެ.

2 ގަޑި އިރަށް މެޗުގެ ފަހު ސެޓު ދެމިގެން ގޮސްފައި ވާއިރު، 13-12ގެ ނަތީޖާ އަކުން ސެޓު ކާމިޔާބު ކުރީ ޖޮކޮވިޗް އެވެ.

އިއްޔެ ކުޅުނު ފައިނަލު މެޗު ޖޮކޮވިޗް އަތުން ރޯޖާ ފެޑެރާ ބަލިވި ނަމަވެސް، މި ދެ ކުޅުންތެރިން ވަނީ މުބާރާތުގެ އައު ރެކޯޑެއް ހަދައިފައި ކަން ފާހަގަ ކޮށްލެވެއެވެ.

އެއީ މުބާރާތުގައި މިހައިތަނަށް ކުޅެވުނު ސިންގަލްސް އިވެންޓުގެ އެންމެ ދިގު ފައިނަލުގެ ރެކޯޑެވެ. 4 ގަޑި އިރާއި 48 މިނެޓަށް ދެމިގެން ދިޔަ މި މެޗުގެ ކުޅި ބަލަން ތިބި ސަޕޯޓަރުންގެ ފަރާތުންވެސް ވަރުބަލިކަން ފެނިފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ސާބިއާ އަށް ނިސްބަތްވާ ޖޮކޮވިޗް އަކީ ދުނިޔޭގެ އެއް ވަނާގައި ރޭންކު ކުރެވިފައިވާ ޓެނިސް ކުޅުންތެރިޔާ ކަމުގައި ވާއިރު، ރަފޭލް ނަދާލްގެ ފަހަތުން ސްވިޒަލޭންޑުގެ ރޯޖާ ފެޑެރާ އޮތީ 3 ވަނައިގައެވެ. އޯޕަން އެރާގެ އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ގޮތުގައި މި މުބާރާތް ކާމިޔާބު ކުރަން ލިބުނު ފުރުސަތު ފެޑެރާ އަށް ގެއްލުނު ނަމަވެސް، އުމުރުން 37 އަހަރުގައި އޭނާގެ ފަރާތުން ފެންނަނީ ވަރަށްވެސް ވާދަވެރި ކުޅުމެކެވެ.

މީގެ ކުރިން ޖޮކޮވިޗް ވަނީ މި މުބާރާތުގެ ފައިނަލުގައި ދެ ފަހަރެއްގެ މަތިން ފެޑެރާ ބަލި ކޮށްފައެވެ.