މިއަހަރުގެ ޖޫން މަހު ރަޝިޔާގައި ބާއްވާ ވޯލްޑް ކަޕަށް ނެގި ރެފްރީންގެ ތެރޭގައި އިނގިރޭސި ރެފްރީން ނުހިމެނޭކަން ހާމަވެއްޖެއެވެ.

ފުޓްބޯޅަ އާއި ބެހޭ މައި އިދާރާ ކަމަށްވާ ފީފާ އިން އިއްޔެ ނެރުނު ލިސްޓުގައިވާ ގޮތުން މިފަހަރުގެ ވޯލްޑް ކަޕަށް 36 ރެފްރީ އަކާއި 63 އެސިސްޓެންޓް ރެފްރީ އަކު ދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ޖަރުމަނާއި ފްރާންސް އާއި އިޓަލީ އަދި ސްޕެއިން ފަދަ ގައުމުތަކުގެ ރެފްރީން މި ލިސްޓުގައި ހިމަނާފައިވީ ނަމަވެސް މި ލިސްޓުގައި އިނގިރޭސި އެއްވެސް ރެފްރީއަކު ނުހިމެނޭކަން ފާހަގަކޮށްލެވެއެވެ.

ވޯލްޑް ކަޕަށް ދާނެ ރެފްރީން ނެގުމަށްޓަކައި 2016 ވަނަ އަހަރު ފީފާ އިން ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދިޔައިރު އެ ޕްރޮގްރާމްގައި އިނގިރޭސިވިލާތުގެ މަޝްހޫރު ރެފްރީ، މާކް ކްލެޓެންބާގް ބައިވެރިވެފައިވެއެވެ.

ނަމަވެސް ކްލެޓެންބާގް ވަނީ މިދިޔަ އަހަރުގެ ތެރޭގައި ޕްރޮފެޝަނަލް ފުޓްބޯޅައިގެ ރެފްރީ ކަމުން ދުރަށް ގޮސްފައެވެ. އެއާއެކު އިނގިރޭސި އެފްއޭ އިން ވަނީ ކްލެޓެންބާގްގެ ޖާގަ އިނގިރޭސި އެހެން ރެފްރީ އަކަށް ދިނުމަށް ފީފާގައި އެދިފައެވެ. ނަމަވެސް ފީފާ އިން އިނގިރޭސި އެފްއޭގެ އެ ހުށަހެޅުން ބަލައިގެންފައެއް ނުވެއެވެ.

މިފަހަރުގެ ވޯލްޑް ކަޕުން އިނގިރޭސި ރެފްރީންނަށް ފުރުސަތު ނުލިބުނުއިރު މިއީ 1938 ވަނަ އަހަރަށްފަހު އިނގިރޭސި ރެފްރީ އަކާއި ނުލައި ކުރިއަށްދާނެ ފުރަތަމަ ވޯލްޑް ކަޕެވެ.

ވޯލްޑް ކަޕުން އިނގިރޭސި ރެފްރީންނަށް ފުރުސަތު ނުލިބުނުއިރު އިނގިރޭސި ޕްރިމިއަރ ލީގުގައި ރެފްރީކަން ކުރަމުންދާ ރެފްރީންނަށް ކޯޗުންގެ ފަރާތުން އަމާޒުވަމުންދާ ފާޑުކިޔުންތައް މި ސީޒަނުގައި އިތުރުވެގެން ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.