މި ސަރަހައްދުގައި ބޭއްވޭ އެންމެ ބޮޑު ކުޅިވަރުގެ މުބާރާތް ކަމުގައިވާ އައިއޯއައިޖީ 2023 ވަނަ އަހަރު ރާއްޖޭގައި ހޯސްޓު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ މި ދަނޑިވަޅުގައި މޮރީޝަސް އިންވެސް ރާއްޖޭގައި އެ އަހަރުގެ މުބާރާތް ބާއްވާން ތާއިދު ކުރާނެކަމުގެ އުއްމީދު ބޮޑު ކަމަށް ޔޫތް މިނިސްޓާ އަހްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓާރ މިހެން ވިދާޅުވެފައި ވަނީ އިއްޔެ ކުރެއްވި ޓްވީޓެއްގައި އެ ގައުމުގެ ޔޫތް މިނިސްޓާރ ޖީން ކްރިސްޓޮފޭ ޓުސެއިންޓް އާއި އޮލިމްޕިކް ކޮމިޓީގެ ރައީސް ފިލިޕް ހައޮ ތައިން އާއި ބައްދަލު ކުރެއްވުމަށް ފަހުގައެވެ.

މިނިސްޓާރ އިތުރަށް ވިދާޅުވެފައި ވަނީ ދެފަރާތުގެ ދެމެދުގައި ދެކެވުނީ ވަރަށް ޕޮސިޓިވް މަޝްވަރާ ތަކެއް ކަމަށާއި، ރާއްޖޭގެ ބިޑަށް ތާއީދު ކޮށްދެއްވުމަށް އެބޭފުޅުން ކައިރީ އެދިފައިވާ ކަމަށެވެ. އަދި އެ ގައުމުން ރާއްޖޭގެ ބިޑަށް ތާއީދު ކުރާނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.

މީގެ ކުރިން ޔޫތް މިނިސްޓާރ ވަނީ ސީޝެލްސް އާއި މަޑަގަސްކަރައިގެ ކަމާއި ބެހޭ ފަރާތްތަކުގައި ވެސް ރާއްޖޭގެ ބިޑަށް ތާއީދު ކޮށްދެއްވުމަށް އެދިފައިކަން ފާހަގަކޮށްލެވެއެވެ. 2023 ވަނަ އަހަރުގެ އައިއޯއައިޖީ ރާއްޖޭގައި ބޭއްވޭނެ ކަމުގެ އުއްމީދުގައި ގިނަ އަދަދެއްގެ އެތްލީޓުން ތަކެއް ތިބި އިރު، މިފަދަ މުބާރާތެއް ބޭއްވިއްޖެ ނަމަ ރާއްޖޭގެ ކުޅިވަރުގެ ފެންވަރު މަތިވެ، ތަރައްގީގެ ރޮނގުންވެސް ހަރުފަތެއް މައްޗައް ޖެހޭނޭ ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ.

މި އަހަރުގެ މުބާރާތް ޖުލައި 19ގައި މޮރިޝަސްގައި ފެށުމަށް ހަމަޖެހިފައި ވާއިރު، ރާއްޖޭގެ ވަފުދު އަންނަނީ މާދަމާ ހެނދުނު ފުރުމަށް ތައްޔާރު ވަމުންނެވެ.