އއ. ހިމަންދޫގެ ޖަމިއްޔާ އެއް ކަމުގައިވާ ކްލަބު ނިއު ފްރެންޑްސް އިން ކޮންމެ އަހަރަކުވެސް އިންތިޒާމު ކޮށްގެން ބާއްވަމުން އަންނަ ފުޓްބޯޅަ މުބާރާތް މިއަހަރުވެސް އެ ރަށުގައި ފަށައިފިއެވެ.

ޖުމްލަ 6 ޓީމު ބައިވެރިވި މި މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ މާޅޮސް ސްޕޯޓްސް ކްލަބާއި ޑާކް ޓައުން ބައްދަލު ކުރި މެޗު 2-0ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ މާޅޮސް ސްޕޯޓްސް ކްލަބެވެ. މިދިޔަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވެސް ކުޅެފައިވާ މާޅޮސް ޓީމުގެ ފުރަތަމަ ލަނޑު 26 ވަނަ މިނެޓުގައި ޖާޒީ ނަމްބަރު 6 އާރިފް ކޮށްދިން އިރު، ފަހު ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ 70ވަނަ މިނެޓުގައި ޖާޒީ ނަމްބަރު 5 ޝަފްރާޒެވެ.

މާޅޮހާއި ޑާކް ޓައުން ބައްދަލު ކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ މުހައްމަދު ޖިމީ

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައި ވަނީ މާޅޮހަށް ފުރަތަމަ ގޯލް ކާމިޔާބު ކޮށްދިން އާރިފް ކަމުގައި ވާއިރު، އޭނާއަށް އިނާމް ހުށަހަޅާފައި ވަނީ އެރަށު ކޯނާސް ހަޓް އިންނެވެ. މާޅޮހުގެ އިތުރުން ރަށުން ބޭރު ޓީމެއްގެ ގޮތުން ދެން މި މުބާރާތުގައި ބައިވެރި ވެފައި ވަނީ ކޮންސްޓަންސް މޫފުށި ރިސޯޓާއި މިދިޔަ އަހަރުގެ ޗެމްޕިއަން ޑަބްލިއު މޯލްޑިވްސްއެވެ.

މިމަހުގެ 24އަށް ދިގު ދެމިގެންދާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅިފައި ވާއިރު، ރަނަރަޕް ޓީމަށް 5000 ރުފިޔާ ލިބިގެން ދާނެއެވެ. މިއީ މި މުބާރާތް ބާއްވާ 14 ވަނަ އަހަރުކަން ފާހަގަ ކޮށްލެވެއެވެ.