ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް ކުޅެމުން އައި މިޑްފިލްޑަރު ފެބިއަން ޑެލްފް އެވަޓަން އަށް ސޮއި ކޮށްފި އެވެ.

އުމުރުން 29 އަހަރުގެ ޑެލްފް އެވަޓަން އަށް ސޮއި ކޮށްފައި ވަނީ 10 މިލިއަން ޕައުންޑުގެ އަގެއްގައި ކަމަށް އެވަޓަން އިން ހާމަ ކޮށްފައި ވާއިރު ކުރިއަށް އޮތް 3 އަހަރު ދުވަހުވެސް އޭނާ ދެން ފެނިގެން ދާނީ އެ ކްލަބުންނެވެ.

ފެށޭ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ޕްރީ ސީޒަން ޓުއާގައި އެވަޓަން އިން މިހާރު ސްވިޒަލޭންޑުގައި ތަމްރީންތައް ހަދަމުން އަންނަ އިރު ޑެލްފް މިހާރު ވަނީ ޓީމާއި ގުޅި ތަމްރީން ތައްވެސް ފަށައިފައެވެ.

2015ވަނަ އަހަރު އެސްޓަން ވިލާ އިން ސިޓީ އަށް ބަދަލުވި ޑެލްފް ބުނެފައި ވަނީ އެވަޓަން އާއި ދެކޮޅަށް ކުޅޭ ކޮންމެ މެޗެއްގައި ވެސް އޭނާ އެންމެ އަޅައި ގަންނަނީ ސަޕޯޓަރުންގެ ޖޯޝާއި ފޯރި ކަމަށާއި އެފަދަ ސަޕޯޓަރުން ތަކެއް ތިބި ކްލަބަކަށް ކުޅެން ފަހުރުވެރިވާ ކަމަށެވެ.

"މިހާރުވެސް އަހަރެން މި އުޅެނީ ވަރަށް އުފަލުގައި މި ކްލަބުގައި. ބޭނުމީ އަހަންނަށް ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތް ކުރަން. 100 ޕަސަންޓު ނޫނީ ނުފެންނާނެ އަހަރެންގެ ފަރާތުންނެއް." ޑެލްފާއި ހަވާލާދީ އެވަޓަންގެ ވެބް ސައިޓުގައި ބުނެފައި ވެއެވެ.

ނިމިދިޔަ ސީޒަން ކާމިޔާބު ކަމާއި އެކު ސިޓީ އާއި އެކު ޑެލްފް ނިންމާލާފައި ވާއިރު އެވަޓަން ސީޒަން ނިންމާލީ ޕްރިމިއާ ލީގު ތާވަލުގެ 8 ވަނައިގަ އޮވެގެންނެވެ.