ލަލީގާގެ ޗެމްޕިއަނުން ކަމުގައިވާ ފުޓްބޯލް ކްލަބު ބާސެލޯނާ އިން ފާއިތުވެދިޔަ 5 އަހަރު ދުވަސް ތެރޭގައި ކުޅުންތެރިން އެ ކްލަބަށް ގެނައުމަށްޓަކައި ކޮށްފައިވާ ހަރަދު 1 ބިލިއަން ޕައުންޑާއި ގާތް ކުރާ އަދަދަކަށް އަރައިފި އެވެ.

ދާދި ފަހުން އެ ކްލަބަށް އެތްލެޓިކޯގެ އެންޓޮއިން ގްރީޒްމަން ގެނައުމާއި އެކު އެ އަދަދު ވަނީ 969 މިލިއަން ޕައުންޑަށް އަރައިފައެވެ.

ބެލެވޭ ގޮތުގައި މި ޓްރާންސްފާ މާކެޓު ނިމޭ އިރު އެ ކްލަބުން އެއް ބިލިއަން މާކަށް އަރާނެއެވެ.

މި 5 އަހަރު ދުވަހުގެ ތެރޭގައި ޔޫރޮޕްގެ އެއްވެސް ކްލަބަކުން ހަރަދު ނުކުރާ ވަރަށް ބާސާ އިން ކުޅުންތެރިން ހޯދުމަށް ހަރަދު ކޮށްފައި ވާއިރު، 894 މިލިއަން ހަރަދު ކޮށްގެން މި ލިސްޓުގެ ދެވަނާގައި މެންޗެސްޓާ ސިޓީ އޮތް އިރު، ތިން ވަނާގައި ޔުނައިޓެޑު އޮތީ 799 މިލިއަން ހަރަދު ކޮށްގެން ކަން ފާހަގަ ކޮށްލެވެއެވެ.

ނަމަވެސް، ވޭތުވެދިޔަ 5 އަހަރުގައި ޓްރާންސްފާ ތަކުން އެންމެ ބޮޑު ފައިދާ އެއް ހޯދާފައި ވަނީ އެތްލެޓިކޯ މެޑްރިޑެވެ. އެއީ 675 މިލިއަން ޕައުންޑް ހޯދައިގެންނެވެ.

ދެވަނާގައި ޗެލްސީ އިން 649 މިލިއަން ޕައުންޑުގެ ފައިދާ އެއް ހޯދައިގެން އޮތް އިރު، 3 ވަނާގައި 573 މިލިއަނުގެ ފައިދާ އަކާއި އެކު އޮތީ ޔުވެންޓަސް އެވެ.

ފެށޭ ސީޒަނަށް ކްލަބުތަށް ވަރުގަދަ ކުރަމުން ގެންދާ އިރު ލަލީގާ އިން މިފަހަރުވެސް އެންމެ ވާދަވެރި ވާނޭ ކަމަށް ބެލެވެނީ ރެއަލް މެޑްރިޑާއި ބާސެލޯނާ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެދުރުކަލޭގެ

    އުހު ތިހެން ނުކިޔާ. ތިޔައީ ކުޅުންތެރިން އުފައްދާ ކުލަބެއް. ބޮޑުއަގުގައި ކުޅުންތެރިން ގަތުމަކީ ހަޑިކަމެއް. އަދި އެީ ރިއަލް މެޑްރިޑާއި، ޗެލްސީ އަދި ސިޓީފަދަ ކުލަބތަކުން ކުރާ ކަމެއް!

    3
    3