އެޗްއެސްސީ "ވަގުތު" ފުޓްސަލް ޗެލެންޖްގެ ގްރޫޕް ބީގައި ޑީސީ ސްޕޯޓްސް ބަލިކޮށް، ހޯދަޑު ސްޕޯޓްސް ކްލަބުން ކުއާޓާ ފައިނަލްގެ އުންމީދު އާކޮށްފިއެވެ.

އައްޑޫ ހިތަދޫ ދަނޑުގައި މިރޭ ކުޅުނު މެޗުން ހޯދަޑު މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ.

މެޗަށް ނުކުތް އިރު، ދެޓީމުންވެސް އޮތީ ގްރޫޕް ސްޓޭޖުގައި ފުރަތަމަ ކުޅުނު މެޗުން ބަލިވެފައެވެ. އެހެން ކަމުން ދެޓީމަށްވެސް މިރޭގެ މެޗުން މޮޅުވުން ވަރަށް މުހިއްމެވެ.

ހޯދަޑާއި ޑީސީ ވާދަކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ފެނުނީ ޑިފެންސިވް ކުޅުމެކެވެ. މާ ބޮޑަށް އެޓޭކަށް ނުވިސްނާ ފަހަތަށް ޖެހިގެން ދެޓީމުންވެސް ކުޅުނު އިރު، ފުރަތަމަ ހާފްގައި ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. މާ ބޮޑަށް އެޓޭކްތައް އުފެއްދުމުގެ ބަދަލުގައި ދެޓީމުންވެސް ހަމަޖެހިލައިގެން ކުޅުނު އިރު، ކުރީކޮޅުގައި ހޯދަޑުގެ ދެ ހަމަލާއެއް ފެނިގެންދިޔައެވެ. އެ ދެހަމަލާގެ ހުރަހަކަށްވީ ޑީސީ ސްޕޯޓްސްގެ ގޯލްކީޕަރެވެ.

ޑީސީގެ ހުސައިން ވިފާގް އަރިމަތިން ކުރިއަށް ޖެހި ފޮނުވާލި ހަމަލާއެއް ގޯލްގެ މަތީ ދަނޑިއަށް އަމާޒުވި އިރު، އަހުމަދު ލޫތަށް ލިބުނު ފުރުސަތުވެސް އޭނާއަށް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. ދާދި އެއްވަރެއްގައި ދެޓީމުން ކުޅެމުން ގޮސް، މެޗުގެ ލީޑު ނެގީ ހޯދަޑުންނެވެ. އަހުމަދު ސިނާހަށް ހުސްކޮށް ލިބުނު ފުރުސަތު އޭނާ ނިންމާލީ ފަސޭހަ ކަމާއެކުގައެވެ.

ހާފް ނިމެން ދަނިކޮށް ޑީސީގެ ލޫތަށް ވަނީ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭނާއަށް ހުސްކޮށް ލިބުނު ހަމަލާ ބާރަށް ފޮނުވާލި ނަމަވެސް، ދިޔައީ ސީދާ ގޯލްކީޕަރާ ދިމާއަށެވެ.

ހޯދަޑާއި ޑީސީ ވާދަކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

ހޯދަޑުން ލީޑާއެކު ހާފް ނިންމާލި އިރު، ދެވަނަ ހާފްގެ ފުރަތަމަ ހަމަލާ އުފެއްދީ ޑީސީންނެވެ. ލޫތުގެ ބާރު ހަމަލާ ދިފާއުކޮށް ބޭރުކޮށްލީ ހޯދަޑުގެ ގޯލްކީޕަރެވެ. އޭގެ މިނެޓެއްފަހުން ހޯދަޑަށް ވަނީ ފުލުފުލުގައި ދެ ފުރުސަތެއް ލިބިފައެވެ. ސިނާހްގެ ހަމަލާ ގޯލްކީޕަރު ދިފާއުކުރި އިރު، ތާހާ މުހައްމަދުގެ ހަމަލާ ދިޔައީ މާބޮޑަށް މަތިންނެވެ.

މެޗުގެ ފަހު ދިހަ މިނެޓްގައި ފެނުނީ ފޯރިގަދަ ކޮށެވެ. މެޗުފެ ފޯރި ގަދަވެގެންދިޔައީ އަހުމަދު ތޮލާލްގެ ގޯލާއެކު ޑީސީން ނަތީޖާ ހަމަހަމަ ކުރުމުންނެވެ. އެ ގޯލާއެކު ހޯދަޑަށް މާޔޫސްކަން ކުރިމަތިވި ނަމަވެސް، އޭގެ މިނެޓެއްފަހުން ހޯދަޑުން އަނެއްކާވެސް ލީޑު ނެގިއެވެ. ފުރަތަމަ ގޯލްވެސް ކާމިޔާބުކޮށްދިން އަހުމަދު ސިނާހްގެ ގޯލާއެކު ހޯދަޑުން ދެވަނަ ފަހަރަށް ލީޑު ނެގި އިރު، މެޗުގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީ އޭނާއެވެ.

ހޯދަޑާއި ޑީސީ ވާދަކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

މޮޅު ކުޅުންތެރިޔާއަށް އާގަލާއިން ހަދިޔާކުރާ ޔުނައިކައި ބްރޭންޑްގެެ ކިރު ޕެކެޓާއި "ވަގުތު"ގެ ޓްރޮފީ ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ކޯޗު އަހުމަދު އަޒްމީއެވެ.

މިމަހުގެ 26 ވަނަ ދުވަހަށް އައްޑޫ ހިތަދޫގައި ކުރިއަށްދާ "ވަގުތު" ފުޓްސަލް ޗެލެންޖަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 120000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރަނަރަޕް ޓީމަށް 30000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ.

މިއަހަރު މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އެޗްއެސްސީ ޔޫރޯ އަންލިމިޓެޑެވެ. އެހެންކަމުން މިއަހަރުގެ މުބާރާތް ކުރިއަށް ގެންދާނީ އެޗްއެސްސީ "ވަގުތު" ފުޓްސަލް ޗެލެންޖްގެ ނަމުގައެވެ. ކޯ ސްޕޮންސަރަކީ ޝީޝާއެވެ. ބެވަރޭޖް ޕާޓްނާއަކީ އާގަލާއެވެ. ޓްރެވެލިން ޕާޓްނާއަކީ މޯލްޑިވިއަންއެވެ. ސްޕޯޓްސް ޕާޓްނާއަކީ ސޮނީ ސްޕޯޓްސްއެވެ.

މިރޭގެ ތިންވަނަ މެޗުގައި ވާދަކުރާނީ މަރަދޫ ފޭދޫ އެފްސީއާއި ޔުނައިޓެޑް ސްޕްރިންޓެވެ.