އެޗްއެސްސީ "ވަގުތު" ފުޓްސަލް ޗެލެންޖްގެ ގްރޫޕް ސީގައި ކުޅުނު މެޗުގައި ޔުނައިޓެޑް ސްޕްރިންޓް ކަޓުވާލައި، މަރަދޫ ފޭދޫ ކުއާޓާ ފައިނަލްގެ އުންމީދު ބޮޑު ކޮށްފައެވެ.

އައްޑޫ ހިތަދޫ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު މަރަދޫ ފޭދޫން ކާމިޔާބުކުރީ 7-0ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗަށް ނުކުތް އިރު، މަރަދޫ ފޭދޫން ކުޅުނު ފުރަތަމަ މެޗުގައި އޮތީ ވަރުގަދަ މޯލްޑިވިއަން އަތުން ޕޮއިންޓެއް ހޯދާފައެވެ. ޔުނައިޓެޑް ސްޕްރިންޓުން އެފްސީ ސްޕްރިންޓާ ދެކޮޅަށް ކުޅެ، 8-0ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެފައި އޮތް އިރު، މިރޭގެ މެޗަކީ މޮޅުވުން މަޖުބޫރު މެޗެކެވެ.

މަރަދޫ ފޭދޫއާއި ޔުނައިޓެޑް ސްޕްރިންޓް ވާދަކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

މަރަދޫ ފޭދޫން މެޗު ވަރުގަދަކޮށް ފެށި އިރު، އެޓީމުން ކުޅުނީ ކުރިއަށް ޖެހިގެންނެނެވެ. ސްޕްރިންޓުން ބޮޑަށް ފަހަތަށް ޖެހިގެން ކުޅުނު އިރު، އެޓީމަށް ފުރަތަމަ ހާފްގައި މާބޮޑަށް ހަމަލާތައް އުފެއްދިފައެއް ނުވެއެވެ. އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ހުސައިން ޝަރީފަށެވެ. އޭނާގެ ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ފުރަތަމަ ހާފް ޑޮމިނޭޓް ކޮށްގެން ކުޅުނު މަރަދޫ ފޭދޫން ގިނަ ހަމަލާތަކެއްވެސް އުފެއްދި އިރު، ޔުނައިޓެޑް ސްޕްރިންޓުގެ ގޯލްކީޕަރު ވަނީ މުހިއްމު ސޭވްތަކެއް ކޮށްފައެވެ. މަރަދޫ ފޭދޫގެ އިސްމާއީލް އަބްދުﷲއާއި ހުސައިން ޔަލީންގެ ހަމަލާތައްވެސް ގޯލްކީޕަރު މަތަކޮށް، ސްޕްރިންޓް ސަލާމަތް ކޮށްދިން އިރު، ވަރަށް ފަސޭހައިން ކާމިޔާބުކުރި ގޯލާއެކު މަރަދޫ ފޭދޫއަށް ލީޑު ނަގައިދިނީވެސް ޔަލީންއެވެ.

ހާފްގެ މެދެއްހާ ހަމައިން ޔަލީން މަޑުމަޑުން ފޮނުވާލި ހަމަލާ އަމާޒުކޮށްލީ ގޯލްގެ މަތީ ކަމަށެވެ. އެ ގޯލަކީ ފުރަތަމަ ހާފްގައި ފެނުނު ހަމައެކަނި ގޯލްވެސް މެއެވެ.

މަރަދޫ ފޭދޫއާއި ޔުނައިޓެޑް ސްޕްރިންޓް ވާދަކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ މުހައްމަދު އަފްޒަލް

 

ދެވަނަ ހާފް ފެށިގެން ދެ މިނެޓް ތެރޭގައި މަރަދޫ ފޭދޫން ވަނީ ތިން ގޯލް ޖަހާފައެވެ. ސްޕްރިންޓަށް ނޭވައެއް ލާނެ ވަގުތުވެސް ނުދީ ހުސައިން ވާފިރާއި އިސްމާއީލް އަބްދުﷲގެ ގޯލްތަކުން މެޗުގެ ނަތީޖާ 4-0އަކަށް ބަދަލު ކޮށްލި އިރު، އޭގެފަހުންވެސް ފުލުފުލުގައި އެޓޭކް ކުރީ މަރަދޫ ފޭދޫންނެވެ. އިސްމާއީލް އަބްދުﷲ ހާފްގެ ކުރީ ކޮޅުގައި ދެ ގޯލް ޖަހާފައި އޮތް އިރު، މެޗު ނިމެން ދަނިކޮށް އޭނާ ވަނީ ހެޓްރިކްވެސް ފުރިހަމަ ކޮށްފައެވެ.

ޔުނައިޓެޑް ސްޕްރިންޓްގެ ފަރާތުން ދަށް ކުޅުމެއް މެޗުގެ ފަހުކޮޅުގައިވެސް ފެނުނު އިރު، މަރަދޫ ފޭދޫގެ ހަވަނަ ގޯލްވެސް ޖެހީ ހުސައުން ވާފިރެވެ. އަދި ވާފިރު ވަނީ މެޗުގެ ހަތްވަނަ ގޯލް ޖަހާ، އޭނާގެ ހެޓްރިކްވެސް ފުރިހަމަ ކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް އޭނާ ހޮވުނު އިރު، "ވަގުތު"ގެ ޓްރޮފީއާއި އާގަލާއިން ހުށަހަޅާ މޫކައި ބްރޭންޑްގެ ކިރު ޕެކެޓް ހަވާލުކޮށްދެއްވީ ކުރީގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް)އެވެ.

މަރަދޫ ފޭދޫއާއި ޔުނައިޓެޑް ސްޕްރިންޓް ވާދަކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

 

މިހާތަނަށް މުބާރާތުގައި ޔުނައިޓެޑް ސްޕްރިންޓުން ކުޅުނު ދެ މެޗުގައި އެޓީމު ކޮޅަށް 15 ގޯލް ވަދެފައިވާ އިރު، އެޓީމަށް ގޯލެއް ޖެހިފައެއް ނުވެއެވެ. މޯލްޑިވިއަންއާއި މަރަދޫ ފޭދޫން ކުއާޓާއަށް ދިޔުމުގެ އުންމީދު ވަނީ ބޮޑުކޮށްފައެވެ. މަރަދޫ ފޭދޫ އަދި މޯލްޑިވިއަންއަށްވެސް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، މަރަދޫ ފޭދޫ އެއްވަނައިގައި އޮތީ ފައިދާ ގޯލްގެ ތަފާތުންނެވެ. އެ ގްރޫޕްގައި އެފްސީ ސްޕްރިންޓަށްވެސް ކުއާޓާގެ ފުރުސަތު އޮތް އިރު، އެޓީމުން ފަހު މެޗުގައި ނުކުންނާނީ މަރަދޫ ފޭދޫއާ ދެކޮޅަށެވެ. މޯލްޑިވިއަންގެ ފަހު މެޗުގައި ނުކުންނާނީ ޔުނައިޓެޑް ސްޕްރިންޓާ ދެކޮޅަށެވެ.

މިމަހުގެ 26 ވަނަ ދުވަހަށް އައްޑޫ ހިތަދޫގައި ކުރިއަށްދާ "ވަގުތު" ފުޓްސަލް ޗެލެންޖަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 120000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރަނަރަޕް ޓީމަށް 30000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ.

މިއަހަރު މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އެޗްއެސްސީ ޔޫރޯ އަންލިމިޓެޑެވެ. އެހެންކަމުން މިއަހަރުގެ މުބާރާތް ކުރިއަށް ގެންދާނީ އެޗްއެސްސީ "ވަގުތު" ފުޓްސަލް ޗެލެންޖްގެ ނަމުގައެވެ. ކޯ ސްޕޮންސަރަކީ ޝީޝާއެވެ. ބެވަރޭޖް ޕާޓްނާއަކީ އާގަލާއެވެ. ޓްރެވެލިން ޕާޓްނާއަކީ މޯލްޑިވިއަންއެވެ. ސްޕޯޓްސް ޕާޓްނާއަކީ ސޮނީ ސްޕޯޓްސްއެވެ.

މާދަމާ ރޭގެ މެޗުތައް:

20:30 އެފްސީ ޒެފިއާ - މައިލޯ ސިޓީ އެފްސީ

21:30 ނެކްސަސް - އެފްސީ މޫލެކެޑެ

22:30 ހޯދަޑު ސްޕޯޓްސް - ފްރެންޑްސް އެފްސީ