އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެހަމަށް ކުޅެމުން އަންނަ ޑިފެންޑަރ ކިއެރަން ޓްރިޕިއާ އެތްލެޓިކޯ މެޑްރިޑަށް ބަދަލު ވުމުގެ މަސައްކަތް ފަށައިފިއެވެ.

މިދިޔަ އަހަރުގެ ވޯލްޑް ކަޕުގެ ސެމީގައި އިންގްލޭންޑުން ކެޓި މެޗުގައި ލަނޑު ޖެހި ޓްރިޕިއާ ވިއްކާލުމަށް ޓޮޓެންހަމުން އެއްބަސް ވެފައި ވާއިރުގައި މި ދެ ކްލަބުގައި މިހާރު އަންނަނީ މަޝްވަރާތައް ކުރެވެމުންނެވެ. އަދި މި ޑީލް ނިންމުމަށް ޓަކައި ޓޮޓެންހަމުން ބުދަ ދުވަހު ފަށާ ޕްރީ ސީޒަން ޓޫއާގައި ބައިވެރި ނުވެ، ސްޕެއިން އަށް ދިއުމުގެ ހުއްދަވެސް ޓްރިޕިއާ އަށް ޓޮޓެންހަމުން ދީފައިވާ ކަން ފާހަގަކޮށްލެވެއެވެ.

އުމުރުން 28 އަހަރުގެ ރައިޓް ބެކު އެތްލެޓިކޯ މެޑްރިޑަށް އެ ކްލަބުގެ މެޑިކަލް ޓެސްޓުތައް ހެދުމަށްޓަކައި ދިއުމަށް ތައްޔާރު ވަމުން އަންނަ އިރު، ސްޕެއިންގެ މީޑީއާ ރިޕޯޓުތައް ބުނާ ގޮތުން މި ދެ ކްލަބުގެ ދެމެދުގައި ޓްރިޕިއާ އަށް އެއްބަސް ވެވިފައި ވަނީ 20 މިލިއަން ޕައުންޑުގެ އަގެކެވެ.

އެންމެ ފަހުގެ ޓްރާންސްފާ މާކެޓުގައި ރެއަލް މެޑްރިޑުގެ ސަމާލުކަން ހޯދި ޓްރިޕިއާ ހޯދުމަށް މިފަހަރު އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އާއި ނަޕޯލީ ވެސް ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް އެތްލެޓިކޯ އަށް މި ބިޑް ކާމިޔާބު ކުރެވިފައި މިވަނީ އެ ކްލަބުގެ ދުވަސްވީ ޑިފެންޑަރ ޖުއަފްރާން އެ ކްލަބު ދޫކޮށްލާފައިވާ ދަނޑިވަޅެއްގައެވެ.

މި ސީޒަނުގައި ލަލިގާ ތަވާލުގެ ދެވަނާގައި ނިންމައިލި އެތްލެޓިކޯ އިން އެ ކްލަބުގެ ފޯވާޑު އޮންޓޮއިން ގްރީޒްމަން ދޫކޮށްލާފައި ވާއިރު، އެ މަގާމު ފޫބައްދަން ޕޯޗުގަލްގެ އަރަމުން އަންނަ ތަރި ޖާއޯ ފެލިކްސް ގެނެސްފައި ވާކަން ފާހަގަކޮށްލެވެއެވެ.