އއ. ހިމަންދޫގެ ޖަމިއްޔާ އެއް ކަމުގައިވާ ކްލަބު ނިއު ފްރެންޑްސް އިން އިސް ނަގައިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ފުޓްބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު މެޗު ޔަންގް އީގަލްސް އިން ކާމިޔާބު ކޮށް މުބާރާތުގެ ފެށުން ރަނގަޅު ކޮށްފިއެވެ.

އިއްޔެ ކުޅެވުނު ގްރޫޕް ބީގެ ފުރަތަމަ މެޗު ޔަންގް އީގަލްސް އިން ކާމިޔާބު ކުރީ ފަހަތުން އަރައި ކޮންސްޓަންސް މޫފުށި ބަލި ކޮށްގެން ކަން ފާހަގަކޮށްލެވެއެވެ. މެޗުގެ 5 ވަނަ މިނެޓުގައި ނައްސަތު (19) ކާމިޔާބު ކުރި ގޯލުން މޫފުއްޓަން ލީޑު ލިބުނު ނަމަވެސް، އޭގެ 9 މިނެޓު ފަހުން ޔަންގް އީގަލްސްގެ އަބްދުﷲ ޖައުފަރު (10) ޖެހި ގޯލުން މެޗުގެ ނަތީޖާ ވަނީ ހަމަހަމަ ވެގެން ގޮސްފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމުގެ އަލީ އަޔާޒް (17) ވަނީ މެޗުން މޮޅުވި ގޯލު ޔަންގް އީގަލްސް އަށް ކާމިޔާބު ކޮށްދީފައެވެ.

މޫފުއްޓާއި ޔަންގް އީގަލްސް ބައްދަލު ކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ މުހައްމަދު ޖިމީ

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ޔަންގް އީގަލްސްގެ އަބްދުﷲ ޖައުފަރު ހޮވުނު އިރު، އޭނާ އަށް އެރަށު ކޯނާސް ހަޓް އިން ހުށަހަޅާފައިވާ އިނާމް ހަވާލު ކޮށްދިނީ އާދަމް އިބްރާހީމް އެވެ.

މިމަހުގެ 24އަށް ދިގު ދެމިގެންދާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅިފައި ވާއިރު، ރަނަރަޕް ޓީމަށް 3000 ރުފިޔާ ލިބިގެން ދާނެއެވެ. މިއީ ކްލަބު ނިއު ފްރެންޑްސް އިން މި މުބާރާތް ބާއްވާ 14 ވަނަ އަހަރުކަން ފާހަގަ ކޮށްލެވެއެވެ.

މި މުބާރާތުގައި މިއަދު ހަވީރު ކުޅެވޭ ގްރޫޕް އޭގެ 2ވަނަ މެޗުގައި ބައްދަލު ކުރާނީ ޑާކް ޓައުން އާއި ވައިޓް ރޯސް އެވެ.