ޕެރިސް ސެއިންޓް ޖަމައިން ޕީއެސްޖީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ނޭމާ އަށް ބާސެލޯނާ އަށް ކުރި ބިޑް ޕީއެސްޖީ އިން ގަބޫލު ނުކޮށް ރިޖެކްޓު ކޮށްލައިފި އެވެ.

2017ވަނަ އަހަރު ދުނިޔޭގެ ރެކޯޑު އަގަކަށް ބާސާ އިން ޕީއެސްޖީ އަށް ބަދަލުވި ނޭމާ އަނެއްކާ އެ ކްލަބަށް ގެނައުމުގެ މަސައްކަތް ބާސާ އިން ކުރަމުން އަންނަ އިރުގައި ނޭމާ ވެސް ވަނީ ޕީއެސްޖީ ދޫކޮށްލަން ވަރަށް ބޮޑަށް ބޭނުން ވެފައެވެ.

ފެށޭ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ޕީއެސްޖީން ބާއްވާ ޕްރީ ސީޒަން ޓުއާގައި ވެސް ނޭމާ ބައިވެރި ވެފައި ނުވާއިރު ބާސާ އިން ކުރި ބިޑުގައި ވަނީ ނޭމާގެ ބަދަލުގައި 36 މިލިއަން ޔޫރޯގެ އާއި އެ ޓީމުގެ ފިލިޕް ކޮޓީނިއޯ އާއި އައިވަން ރަކިޓިޗް އެވެ. ނަމަވެސް ފްރާންސްގެ ޗެމްޕިއަނުން ކުޅުންތެރިންގެ ބަދަލުގައި ފައިސާ ބޭނުންވާ ކަމަށް ބުނެ މި ބިޑް ވަނީ ވަގުތުން ރިޖެކްޓު ކޮށްލައިފަ އެވެ.

189 މިލިއަން ޕައުންޑަށް ޕީއެސްޖީ އިން ނޭމާ ގަތުމަށް ފަހު އެ ކްލަބުން ބޭނުންވަނީ އެ އަދަދާއި ވީހައިވެސް ގާތުން ނޭމާ ވިއްކާލާށެވެ.

އެއަށް ވުރެން ކުޑަ ބިޑެއް ލިބިއްޖެ ނަމަ އެ ކްލަބުން ވަގުތުން ރިޖެކްޓް ކުރާނޭ ކަމަށް ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޕީއެސްޖީގެ ތަމްރީނު ތަކުގައި ބައިވެރި ނުވުމުން އޭނާ އާއި މެދު ހަރުކަށި ފިޔަވަޅު އާޅާނޭ ކަމަށް ކްލަބުގެ އިސްވެރިން މީގެ ކުރިން ބުނެފައި ވާއިރު، ރަނގަޅު އަގަކަށް ނޫނީ ނޭމާ ވިއްކާލަން އެ ކުލަބުން އެއްބަހެއް ނުވާނެއެވެ.