މި މަހުގެ 19ގައި މޮރިޝަސްގައި ފެށުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ވާދަ ކުރާ ރާއްޖޭގެ އެތްލީޓުން މިއަދު އެ ގައުމަށް ގޮސްފިއެވެ.

މުބާރާތުގައި ވާދަ ކުރާ ފުޓްބޯޅަ ޓީމުގެ ކުޅުން އަވަހަށް ފެށޭ ކަމުން އެ ސްކޮޑު ވަނީ އިއްޔެ މޮރިޝަސް އަށް ގޮސް ތަމްރީން ތައްވެސް ފަށައިފައެވެ. ދެން ބާކީ ތިބި 226 އެތްލީޓުންނާއި އޮފިޝަލުން ހިމެނޭ ގޮތަށް ރާއްޖޭގެ ވަފުދު އެ ގައުމަށް ދިޔައީ ގައުމީ އެއާލައިން މޯލްޑިވިއަން ގައިކަން ފާހަގަ ކޮށްލެވެއެވެ. މޮރިޝަސް އިން ވަނީ ރާއްޖޭގެ ވަފުދަށް ހޫނު މަރުހަބާ އެއް ކިޔައިފައެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި، މޮރިޝަޝްއިން ރާއްޖޭގެ ވަފުދަށް ކިޔާފައި ވަނީ އެގައުމުގެ ސަގާފީ މަރުހަބާއެކެވެ.

މި މުބާރާތުން 15 މެޑަލް އެންމެ މަދުވެގެން ހޯދަން ބޭނުންވާ ކަމަށް މިނިސްޓާ އޮފް ޔޫތް އެންޑް ސްޕޯޓްސް އަހްމަދު މަހްލޫފު ވިދާޅުވެފައި ވާއިރު، ރާއްޖެ އިން ވަނީ މި މުބާރާތައް ވަރަށް ރަނގަޅަށް ތައްޔާރު ވެފައި ކަމަށްވެސް މިނިސްޓާ ވިދާޅުވިއެވެ.

ރާއްޖޭގެ އެތުލީޓުން މޯލްޑިވިއަންގެ ފްލައިޓް ތެރޭގައި --- ފޮޓޯ/ އެމްއޯސީ

މި މުބާރާތުގައި ވާދަ ކުރާ ރާއްޖޭގެ ވަފުދުގެ ހެޑް އޮފް ޑެލިގޭޝަން އެއްގެ ގޮތުގައި މަސައްކަތް ކުރާނީ މައިޒާން އަލި މަނިކެވެ. އަދި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލާނީ ބާސްކެޓު ތަރި އަހްމަދު ޒަބީރުކަން ފާހަގަކޮށްލެވެއެވެ.

ޖުލައި 28ގެ ނިޔަލަށް ކުރިއަށް ދާ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަ ކުރާނީ ހޯސްޓް މޮރިޝަސް، މަޑަގަސްކާ، ސީޝެލްސް، ރީޔޫނިއަން އަދި މަޔޮޓޭގެ އިތުރުން ކޮމޮރޯސް އެވެ.

މިއަހަރުގެ މުބާރާތުގައި ރާއްޖެއިން 10 ކުޅިވަރެއްގައި ބައިވެރި ވެފައިވާ އިރު، ސަރުކާރުން އަންނަނީ 2023ގެ އައިއޯއައިޖީ ރާއްޖޭގައި ބޭއްވުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތް ތަކެއް ކުރައްވަމުންނެވެ. މިގޮތުން 2023ގެ މުބާރާތް ރާއްޖޭގައި ބޭއްވުމަށް އެދި ސީޝެލްސް އާއި މޮރިޝަސްގެ އިތުރުން މަޑަގަސްކާގެ ސަރުކާރުގައި އެދިފައިވާ ކަންވެސް ފާހަގަކޮށްލެވެއެވެ.