ކ. ހިންމަފުށީގައި އަލަށް އިފްތިތާހުކުރާ ޖަމިއްޔާއެއް ކަމަށްވާ "މިނިވަން ފަރު" އިފްތިތާހު ކުރުމަށް ރަށަށް އަމާޒުކޮށް ހާއްސަ ސާފިން މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

މިމަހުގެ 20 އިން 30އާ ދެމެދު އެންމެ ރާޅު ރީތި ދުވަހެއްގައި ބާއްވަން އިވެންޓް ތާވަލުކޮށްފައިވާ އިރު، އިވެންޓް އޯގަނައިޒް ކުރާ ފަރާތުން ބުނެފައި ވަނީ ލަފާކުރެވޭ ގޮތުގައި ސާފިން އިވެންޓް ކުރިއަށްދާނީ މިމަހުގެ 24 ނުވަތަ 25 ވަނަ ދުވަހުގައި ކަމަށެވެ. "މިނިވަން ފަރު" ޖަމިއްޔާގެ ޖެނެރަލް ސެކްރެޓަރީ އަބްދުﷲ ޖަލާލް، "ވަގުތު"އަށް ވިދާޅުވީ އިވެންޓަކީ ދިވެހީންނަށް، ހާއްސަކޮށް ހިންމަފުށީގެ ރައްޔިތުންނަށް ކުރިއަށް ގެންދާ މުބާރާތެއް ކަަށެވެ.

" ހިންމަފުށީގެ ޖެއިލް ބްރޭކް ސާފިން ޕޮއިންޓަކީ މުޅި ދުނިޔޭގެ މަޝްހޫރު ސާފިން ޕޮއިންޓެއް. ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތައްވެސް އެތަނުގައި ވަނީ ބޭއްވިފައި. އެއީ ރާއްޖޭގައި އެންމެ ކުރިން ޑިސްކަވާވެސް ކުރެވުނު އެއް ސާފިން ޕޮއިންޓް. އެހެންވީމަ އެތަނުގައި މިރަށުގެ ކުދިންނަށް ހާއްސަ މުބާރާތެއް ބާއްވަން އަހަރެމެން ބޭނުން ވަނީ. މައިގަނޑު މަގުސަދަކީ ރާއްޖޭގެ ޓޮޕް ލެވެލްއަށް މި ރަށުގެ ކުއްޖަކު ގެންދިޔުން،" ޖަލާލް ވިދާޅުވިއެވެ.

މުބާރާތުގައި ބައިވެރިވުމަށް ވަކި އުމުރުފުރާއެއް ނެތެވެ. ހަމައެކަނި ޝަރުތަކީ ހިންމަފުށީގެ ރައްޔިތަކަށްވުމެވެ. މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ބޮޑީ ބޯޑިންނާއި ޝޯޓް ބޯޑިން ކެޓަގަރީއަށް ބަހާލައިގެންނެވެ. 27 އެތުލީޓުން މުބާރާތުގައި ވާދަކުރާ އިރު، މުބާރާތް އިންސާފުކޮށްދެއްވާނީ ރާއްޖޭގެ ސާފިންގައި އެންމެ ޓޮޕް ލެވެލް ފަނޑިޔާރުންނެވެ.

ސާފިން މުބާރާތުގެ ކޮންމެ ކެޓަގަރީއަކުންވެސް އެންމެ މޮޅު ތިން ސާފަރުން ހޮވުމަށް ހަމަޖެހިފައިވާ އިރު، އެއްވަނަ ދެވަނަ ތިންވަނައަށްވެސް ފައިސާގެ އިނާމް، އަދި ޓްރޮފީ ހަމަޖެހިފައިވެއެވެ. އޭގެ އިތުރުން ކޮންމެ ކެޓަގަރީއެއްގެވެސް އެންމެ މޮޅު ތިން އެތުލީޓުން، ރާއްޖޭގެ ގައުމީ ލެވެލްގައި ބާއްވާ މުބާރާތްތަކަށް ދިޔުމަށް "މިނިވަން ފަރު"އިން ސްޕޮންސާ ކުރާނެއެވެ. އަދި މުބާރާތުގެ ދެ ޑިވިޝަންގެވެސް އެންމެ މޮޅު އެތުލީޓަށް ބޮޑީ ބޯޑިން އެސޯސިއޭޝަން ފަރާތުން ފުލް ކިޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

"މިނިވަން ފަރު" ޖަމިއްޔާއަކީ ޒުވާނުންނާ ގުޅުންހުރި ކަންކަމަށް ހާއްސަކޮށް، ޒުވާނުން ބާރުވެރި ކުރުވުމަށް ތައާރަފް ވެގެން އަންނަ ޖަމިއްޔާއެކެވެ. ޖަމިއްޔާގެ ހަރަކާތްތަކުގެ ތެރެއިން ބޮޑު އީދާ ދިމާކޮށް، ބައިބަލާ މުބާރާތެއްވެސް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.