ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ ޒުވާން މިޑްފީލްޑަރ ފްރާންސިސްކޯ ރޯމަން އަލާކޮން ސުއަރޭޒް (އިސްކޮ) މެންޗެސްޓާ ސިޓީއަށް ވަރަށް އަވަހަށް ގެންނާނެ ކަމަށް އެޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ސްޕެއިންގެ ނޫހަކަށް ދިން އިންޓަވިޔުއެއްގައި ގާޑިއޯލާ ބުނީ އިސްކޮ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ދެން އަންނަ ޓްރާންސްފާ މާކެޓުގައި އޭނާ ސިޓީ އިން ފެނުން ގާތް ކަމަށެވެ. އަދި އިސްކޮ ސިޓީއަށް ގެންނާނީ 75 މިލިއަން ޔޫރޯއަށް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ރެއާލް މެޑްރިޑް ކުޅޭ ގިނަ މެޗުތަކުގެ ފުރަތަމަ އެގާރައިން ޖާގަ ނުލިބޭ އިސްކޮ ވަނީ މީގެ ކުރިން ކުލަބު ދޫކޮށްލަން އުޅޭ ކަމުގެ އިޝާރާތެއް ކޮށްފައެވެ.

މިދިޔަ އަންގާރަ ދުވަހު ސްޕެއިންއާއި އާޖެންޓީނާ ބައްދަލުކުރި މެޗުގައި އިސްކޮގެ ފަރާތުން ފެނުނު މޮޅު ކުޅުމުގެ ސަބަބުން ބޮޑެތި ކުލަބުތަކުގެ ލޮލުގައި އޭނާ ވަނީ އަޅައިގަނެފައެވެ. އިސްކޮ ވަނީ އާޖެންޓީނާ އާއި ދެކޮޅަށް ކުޅުނު އެކުވެރި ކަމުގެ މެޗުގައި ހެޓްރިކް ހަދާފައެވެ.

25 އަހަރުގެ އިސްކޮ 2013 ވަނަ އަހަރު ރެއާލްއަށް ގެންގޮސްފައިވަނީ 23 މިލިއަން ޔޫރޯއަށެވެ.