ބ. އޭދަފުށީގައި މިހާރު ކުރިއަށް ދާ ބ. ފުޓްބޯލް ޗެލެންޖް 2019ގެ ސެމީ ފައިނަލް ފަސޭހަ ކަމާއި އެކު ކާމިޔާބު ކޮށްގެން ފައިނަލުގެ ފުރަތަމަ ޖާގަ އޭދަފުށިން ހޯދައިފިއެވެ.

އިއްޔެ ހަވީރު އޭދަފުށީ ޓާފު ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ ކިހާދޫ އާއި ވާދަކޮށް، 5-1 ނަތީޖާ އަކުންނެވެ.

މެޗުގެ ފުރަތަމަ 4 ލަނޑުވެސް އޭދަފުއްޓަށް ޖަހައިދިނީ ރާއްޖޭގެ ގައުމީ ޓީމުގެ ފޯވާޑު އަލީ ފާސިރު (ސެންޓޭ)ގެ ބޭބެ މުހައްމަދު ފާސިރު (12) ކަމުގައި ވާއިރު، އެ ފަހުން މެޗުގެ 85 ވަނަ މިނެޓުގައި އޭދަފުށީގެ ފަހު ގޯލު ޖަހާފައި ވަނީ އަހްމަދު އަޝްރަފް (28)އެވެ. އިތުރު ވަގުތުގައި ކިހާދޫ އަށް ސުން ކަނޑުވައިލަދިނީ އެ ޓީމުގެ 12 ނަމްބަރު މައުރޫފް އާދަމް އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ފާސިރު މި މުބާރާތުގެ ޓޮޕް ސްކޯރާގެ މަގާމުގައި މިވަގުތު 8 ގޯލު ކާމިޔާބު ކޮށްގެން އޮތް އިރު، އޭނާގެ ފަރާތުން ފެންނަމުން ދަނީ މޮޅު ކުޅުމެއް ކަން ފާހަގަ ކޮށްލެވެ އެވެ.

މުބާރާތުގައި މެޗަކުން ބަލި ނުވެ އޭދަފުށިން އަންނަނީ ރެކޯޑު ދަމަހައްޓަމުންނެވެ. ފައިނަލުގައި އޭދަފުށި ބައްދަލު ކުރާނެ ޓީމެއް ޔަގީން ވާނީ މިއަދު ހަވީރު ކުޅޭ ސެމީ ފައިނަލު ދެވަނަ މެޗުގައި ގޮއިދޫ އާއި ކެންދޫ ބައްދަލު ކުރާ މެޗަށް ފަހު އެވެ.

އޭދަފުށީގެ ޖަމިއްޔާ އެއް ކަމުގައިވާ ވެސްޓް ވިންގްސް އިން އިސް ނަގައިގެން އިންތިޒާމް ކުރާ މި މުބާރާތް ސްޕޮންސާ ކޮށްފައި ވަނީ ފޯ ސީޒަންސް ރިސޯޓް އެޓް ލަނޑާގިރާވަރުން ކަމުގައި ވާއިރު، މިއީ ރިސޯޓަކުން ސްޕޮންސާ ކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތެވެ.

މި މަހުގެ 20ގައި މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ވެސް އޭދަފުށީ ޓާފް ދަނޑުގައެވެ.